Advertisement

މި ފަހަރު ވެސް އިނގިރޭސި ސްކޮޑަށް މެގުއާ ނަގައިފި، ސްޓާލިން އެއް ނެތް!

6 އޮކްޓޯބަރު 2023 - 11:31 0


މި ފަހަރު ވެސް އިނގިރޭސި ސްކޮޑަށް މެގުއާ ނަގައިފި، ސްޓާލިން އެއް ނެތް!

6 އޮކްޓޯބަރު 2023 - 11:31 0

ލަންޑަން (އޮކްޓޯބަރު 6) - އަންނަ ހަފްތާގައި އިނގިރޭސި ގައުމީ ޓީމް ކުޅޭ ދެ މެޗަށް ނެގި ގައުމީ ސްކޮޑަށް މިފަހަރުވެސް ޑިފެންޑަރު ހޭރީ މެގުއާ ނަގައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މެގުއާ ގައުމީ ޓީމަށް ކޯޗު ސައުތުގޭޓް ނެގީ، އެންމެ ފަހުން ނެގި ސްކޮޑުން ވެސް މެގުއާއަށް ފުރުސަތު ދިނުމުން އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

މި ސީޒަންގައި ޔުނައިޓެޑް ކުޅުނު ދިހަ މެޗުގެ ތެރެއިން މެގުއާ ކުޅެފައިވަނީ އެންމެ ދެ މެޗުގަ އެވެ. އޭގެ ތެރެއިން އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ލީގު ކަޕްގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަންޏެވެ.

މެގުއާގެ އިތުރުން ސައުދީ ލީގުގައި ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފިލްޑަރު ޖޯޑަން ހެންޑަސަން އަށް ވެސް ކޯޗު ވަނީ ފުރުސަތު ދީފަ އެވެ.

ސައުތުގޭޓް ބުނީ ހެންޑަަސަންގެ ލީޑާޝިޕާއި ތަޖުރިބާއަކީ އަދިވެސް އިނގިރޭސި ޓީމަށް މުހިންމު އެއްޗެއް ކަމަށެވެ.

މިޑްފިލްޑަރުންނަށް ބަލާއިރު، ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް، ޗެލްސީގެ ކޯނޯ ގެލެގާ، އާސެނަލްގެ ޑެކްލަން ރައިސް އަދި މެންޗެސްޓާ ސިޓީގެ ކެލްވިން ފިލިޕްސް އަށް ކޯޗު ވަނީ ފުރުސަތު ދީފަ އެވެ.

މި ފަހަރު ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު ފާހަގަކޮށްލެވެނީ ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން އާއި އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ފޯވާޑް އޮލާއީ ވަޓްކިންސް އެވެ. ރަނގަޅު ފޯމެއްގައި މި ވަގުތު ކުޅެމުން އަންނަ ދެ ކުޅުންތެރިންގެ ބޭނުން މި މަހުގެ 13ގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ހިފޭނެކަމަށް ކޯޗު ބުނެފައިވެ އެވެ.

ފޯވާޑުންގެ ތެރެއިން ކޯޗު ޓީމަށް ނެގި އާސެނަލްގެ ބުކާޔޯ ސަކާ މިވަގުތު ހުރީ އަނިޔާގަ އެވެ. ސަކާގެ އަނިޔާ ސީރިއަސް ނޫންކަމަށް ފެންނާތީ، ޔޫރޯ ކޮލިފައިންގައި މިމަހުގެ 17 ވަނަ ދުވަހު އިޓަލީއާ ދެކޮޅަށް ކުޅޭ މެޗަށް ސަކާ ފިޓުވާނެ ކަމަށް ސައުތުގޭޓް އުއްމީދުކުރެ އެވެ.

މިފަހަރު ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް ބަލާއިރު ޗެލްސީގެ ފޯވާޑް ރަހީމް ސްޓާލިން ފާހަގަކޮށްލެވެ އެވެ. މިއީ ސްޓާލިން އަށް އިނގިރޭސި ގައުމީ ޓީމުން ޖެހިޖެހިގެން ފުރުސަތު ނުލިބުނު ހަތަރު ވަނަ ފަހަރެވެ.

ސައުތުގޭޓްގެ ސްކޯޑުން އާންމުކޮށް ފުރުސަތު ލިބޭ ޑިފެންޑަރުން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ލޫކް ޝޯ އާއި ޗެލްސީގެ ބެން ޗިލްވެލް މިފަހަރު ސްކޮޑަށް ނުނެގީ ދެ ކުޅުންތެރިން ވެސް ދިގު މުއްދަތަކަށް އަނިޔާގައި ތިބުމުންނެވެ.