ޔާމީންގެ ފުރަތަމަ "ހަމަލާ" ކިޑިކީން، "މަގާމުތަކަށް އައުމުން ހަނދާން ނެތުމަކީ ދެރަ ކަމެއް"

5 އޮކްޓޯބަރު 2023 - 06:13 4

މުހައްމަދު ނަސީމް

މ

ކުރީގެ ރައީސް އަބްދުﷲ ޔާމީން


ޔާމީންގެ ފުރަތަމަ "ހަމަލާ" ކިޑިކީން، "މަގާމުތަކަށް އައުމުން ހަނދާން ނެތުމަކީ ދެރަ ކަމެއް"

5 އޮކްޓޯބަރު 2023 - 06:13 4

އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، މިހާރު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުން، އެ މަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ދޫވެހި ކައިރިޔަށް ރޭ އެއްވީ ފަރިވަޅެއް ހިފައިގެންނެވެ. އެ ފަރިވަޅާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުޑަދޮރު ކައިރީގައި ހުންނަވައި 15 ވަރަކަށް މިނެޓު ވަންދެން ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.

މާފުށީ ޖަލުން މިދިޔަ އާދީއްތަ ދުވަހު ޔާމީން ގެއަށް ބަދަލުކުރީ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ގައުމީ މަސްލަހަތަށްޓަކަ އެވެ. އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒުގެ ބައްދަލުވުން އާދީއްތަ ދުވަހު ރައީސް އޮފީހުގައި ހިނގަމުން ދިޔައިރު، ޔާމީން ހުންނެވީ އޭނާ މާލެ ގެނައުމުގެ ދަތުރުމަތީ، ލޯންޗުގަ އެވެ.

ޔާމީން މިނިވަންކުރުމަކީ މުއިއްޒުގެ ވައުދެކެވެ. އެންމެ ލަސްވެގެން ވެސް އެ މަނިކުފާނު ހުވާ ކުރައްވާ ދުވަސް ކަމުގައިވާ ނޮވެމްބަރު 17 ވަނަ ދުވަހު ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މި އިންތިގާލީ މަރުހަލާގައި އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދަވަން ބޭނުންފުޅު ވާތީ، މުޒާހަރާ ނުކުރުމާއި އެެއްވުންތައް ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ. އެކަމަކު، ރެޔަކީ ޔާމީން މިނިވަންކުރަން ގޮވާލައި އެއްވުން ބޭއްވި ދެ ވަނަ ރެޔެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޔާމީން ރޭ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ އާދައިގެ ރައްޔިތުން ކަމަށާއި ސަރުކާރު ބަދަލުކޮށް، ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނީ އެ މަނިކުފާނާއި މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު ނިސްބަތް އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެކޮޅަށް ބަދަލުކުރި ދުވަހު އެމަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު އެއްވެފައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


ރައްޔިތުންގެ ލޯތްބަކީ، ޖަލު ގޮޅީއަށް ލިޔަސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި މި ސަރުކާރާއި އިންޑިއާއިން މަސައްކަތް ކުރީ އެ މަނިކުފާނަށް ވާދަ ނުކުރެވޭ ގޮތް ހަދައި، އަދި ޖަލުގައި ބާއްވައިގެން އިންތިހާބު ކާމިޔާބު ކުރަން ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް ތަގުދީރުގެ ރޭވުން ވަރުގަދަކަން މިހާރު މި ސަރުކާރަށް އެނގިގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފަލަކީ ސަރުކާރު އިންތިހާބު ބަލިކުރުންކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެން/ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި އޮތީ ރައީސް ޔާމީނެވެ. ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލިގެން ދިޔައީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީ ބާތިލުކުރުމުންނެވެ.

ކެންޑިޑެސީ ބާތިލު ކުރި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމަކީ ވަރަށް ހިތާމަ ކުރެއްވި ކަމެއް ކަމަށާއި ކެންޑިޑެސީ ބާތިލު ކުރީ، އަދި އިސްތިއުނާފުގެ މައްސަލަ ލަސްވެގެން ދިޔައީ އިއްތިފާގަކުން ނޫންކަން ގަބޫލު ކުރެއްވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެގޮތަށް ކަންކަން ވެގެން ދިޔަސް، އެ މަނިކުފާނު ނުކުންނަވާނީ އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، މައުސޫމު މީހެއްގެ ގޮތުގައިކަން ވެސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުގެ ގައިގައި ގާނޫނީ ހަމަތަކުގެ މަތިން އަތެއް ނުލެވޭނެ. ...އިންސާފުވެރި ޝަރީއަތަކުން އަޅުގަނޑުގެ މައުސޫމުކަން ސާބިތުކޮށްދޭނަން،" ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފައި، އެ ފައިސާގެ އަސްލު އޮޅުވާލަން، މަނީލޯންޑަކޮށްފައިވާކަން ސާބިތުވެފައިވާ ޔާމީން ވިދާޅުވި އެވެ.

ޖަލަށް ވެސް ލެވިދާނެ ކަމަށާއި އަނިޔާވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް މި ސަރުކާރަށް ވެސް އެހެން ބަޔަކަށް ވެސް އާދޭސްކުރަން ބޭނުންފުޅު ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ ކުރިން ކަފާލާތުގެ ދަށުން ސިޔާސީ ލީޑަރުން ދޫކޮށްލާފައިވާކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ މަނިކުފާނާ ހަމައިން ކަފާލާތަކީ ދަންނަ އެއްޗަކަށް ވެސް ކޯޓުތަކަށް ނުވި ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޝައުގުވެރިވެގެން އަންނަ ބޭފުޅުންކީ އެ މަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތުގައި ސަޕޯޓަރުންނާއެކު ބައިވެރިވި ބައެއްތޯ ބެއްލެވުމަށާއި، ބައިވެރި ނުވާނަމަ ނުވީ ކީއްވެގެންތޯ އާއި އެ ދުވަހު ފިނި ކޮޓަރިތަކުގައި އެ ބޭފުޅުން ތިއްބެވީ ކީއްވެގެންތޯ ސުވާލު ކުރުމަށް ޔާމީން އެދިވަޑައިގަތެވެ.

އެ މަނިކުފާނު މިނިވަން ކުރަން ސަޕޯޓަރުން ކުރެއްވި މަސައްކަތަށް ޔާމީން ޝުކުރު އަދާކުރެއްވި އެވެ.

މި ސަރުކާރުގެ ވައްކަންތައް ބަލަންޖެހޭ ކަމަށާއި، އަދި އިންޑިއާ ސިފައިން ފައިބަން ޖެހޭނެ ކަމަށް، "އިންޑިއާ އައުޓު" ކެމްޕޭން ވެސް ހިންގެވި ޔާމީން ވިދާޅުވި އެވެ.

"އަދިވެސް އަޅުގަނޑުމެން ރައްޔިތުންގެ ކައިރީ ބުނި ވާހަކަ ދުލެއް ނުކުރާނަން. އިންޑިއާގެ [ސިފައިންގެ] އެންމެ ބޫޓް ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ނުހުންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން މި ރާއްޖޭން ބޭލުމަކީ، އިންތިހާބީ ރައީސް މުއިއްޒުގެ ވައުދެކެވެ.

ޔާމީނު މިިނިވަންވާނީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރުމުން ކަަމަށް މުއިއްޒު ވަނީ ނުސީދާކޮށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ނޮވެމްބަރު 17 އާ ހިސާބަށް ދާއިރު ރައީސް ޔާމީނު މިނިވަން ވެވަޑައިނުގަންނަވާ ނަމަ އެއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އޮތުމުގެ ސަބަބުން ވާ ކަމެއް ކަމަށެވެ.

"އަަޅުގަނޑު މި ދަންނަވަނީ [ނޮވެމްބަރު] 17 ވަނަ ދުވަހާ ހަމައަށް ދާއިރު ގައި މިހާރު އޮތް ޕްރޮސެސް އިން [ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ ޝަރީއަތުން] އެމަނިކުފާނު މިނިވަން ނުވާ ނަމަ މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޫޒު ފޯރުވާތީ، މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަށް ކަމަށެވެ.

8.33%

0.00%

66.67%

25.00%

މި ލިޔުން ކިޔާލުމުން


އެބޯވު ދަ ލޯ ، ލޯމަތީގައި

over 1 year ago

ޢަބްދުﷲ ގާޒީ ވަގަށް ނެގި އަންނި ޖަލުން ދޫކޮށްލުމުގެ ސަބަބުން މުޖުތަމަޢަށް ލިބެމުންދާ ގެއްލުން އެންމެންނަށް މިހާރު ފެންނާނެއެވެ. ވަކިން ޚާއްސަކޮށް އެކަމުގެ މޭސްތިރިންގެ ގޮތުގައި ތިބި އެމްޑީޕީގެ ވެރިންނަށް ފެންނާނެއެވެ. ޔާމީން ދޫކޮށްލިޔަސް ވާނީ ހަމަ މިހެންނެވެ. މުޖުރިމުންނަށް އަދަބު ދޭންޖެހެނީ މުޖުތަމަޢުގެ ސަލާމަތް އޭގައި ހިމެނޭތީއެވެ. އަދަބު ދިނުމާއެކު އިސްލާހީ ޕްރޮގްރާމްވެސް ހިންގަންވީއެވެ. ރައީސްކަން ކުރިޔަސް ގާނޫނު އެމީހުންގެ މައްޗަށްހިނގަންވާނ

ފަހުގެ ރައީސަށް

over 1 year ago

ގޭގައި ބަހައްޓަންޖެހޭ ފަދަ ސިއްހީ ހާލަތެއްނެތްނަމަ، ވަޤުތުން ވަޤުތަށް ޔާމީން ޖަލަށް ބަދަލު ކުރުމަކީ ހަމަކަމާއި އިންސާފުގެ ތަރާދު ބުރަވާ ގޮތެވެ. އެެހެން ނޫނީ ޖަލު ތިބި އެންމެން ގެޔަށް ފޮނުވާފައި ޖަލުގައި ތަޅު އަޅުވާށެވެ.

މުސީބާތް

over 1 year ago

ވެރިކަމަށް އާދެވުމުން ހަރާމެއް ހަލާލެއް ބެލުމެއް ނެތި ކުރެވުނު ހާ ކަމެއް ކޮށްފައި، އެކަންކަން ސާބިތުވެ އަދަބު ލިބެން ފެށީމާ، ކުށްވެރި މިވަނީ ދެންތިބި މީހުން، ތިމާ ކުރި ކުށެއް ނޯވޭ، ބަޔަކު މިމަޅީގައި ޖެހޭތަން އެބަފެނޭ، ނަޝީދު ވެރިކަމުގައި އަބްދުﷲ ގާޒީ ވަަގަށްނެގިކަން ނުދަންނަ އެއްވެސް ރައްޔިތަކު މިރާއްޖޭ ނެތް، އެކަމު އެހެރީ ނުފޫޒުން މިނިވަންކޮށްފައި، ދެންވީ މުއިއްޒުވެސް ނުފޫޒުން ޔާމީނު މިނިވަންކުރަން، މިހުންނަނީ ބަލައި ނުގަނެވޭނެ ކަންކަން

މަސްލަހަތު

over 1 year ago

މިހާރު ކުރާކަމަކީ މަސްލަހަތު ނަގާލަން އެމަސައްކަތްފެށީ ޔާމީނާއި އިންތިހާބީ ސަރުކާރާޖައްސަންއެތެޅެނީ އެއްއްވުރެޔާމީނާއި މުއިއްޒު މާހަމަޖެހޭނެ