ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އިވެންޓެއްގައި މަހުލޫފު ވާހަކަދައްކަވަނީ. --ފޮޓޯ: އަދަދު
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމުން ހުސްވާ މޭޔަރުގެ މަގާމަށް ވާދަކުރައްވަން މި ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ނިންމަވައި އެކަން މިއަދު އިއުލާންކުރައްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ ޕީއެންސީގެ މުއިއްޒު ކާމިޔާބުކުރެއްވި ނަމަވެސް، މޭޔަރުގެ މަގާމު ހުސްވި ކަމަށް ބަލައި އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަނަށް އިއުލާންކުރާނީ ނޮވެމްބަރު 17 ގައި މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ފުރުއްވި މަހުލުފޫ ވަނީ ކެމްޕެއިން ލޯގޯ ހަދައި، ކެމްޕެއިން މިއަދު ސޯޝަލް މީޑިއާގައި ފަށްޓަވައިފަ އެވެ.
"17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ،" މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މަހުލޫފަކީ މި ސަރުކާރުގެ އެންމެ ހަރަކާތްތެރި އެއް މިނިސްޓަރެވެ. އޭނާގެ ދައުރުގައި ރާއްޖޭން ވަނީ ކުޅިވަރުން ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި މަހުލޫފު ވަނީ ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީކުރައްވައިފަ އެވެ.
ޑީއާރްޕީން ސިޔާސީ ކެރިއަރު ފެށްޓެވި މަހުލޫފު އެމްޑީޕީއާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި އޭރު އޮތް ޕީޕީއެމްގެ ސަރުކާރުގައި އޭނާ ސިޔާސީ ހަމަލާތައް އަމާޒުވެފައިވެ އެވެ.
މޭޔަރުގެ މަގާމަށް ކުރިމަތުމަށް އެމްޑީޕީން އިތުރު މީހަކު ނުކުމެއްޖެ ނަމަ އެމްޑީޕީގެ ޓިކެޓް ދޭނެ މީހެއް ނިންމާނީ ޕްރައިމަރީއެއް ބޭއްވުމަށް ފަހު އެވެ.
ޕީޕީއެމް/ ޕީއެންސީ އިން މޭޔަރުގެ މަގާމަށް އަދި އެއްވެސް މީހަކު ޝައުގުވެރިކަން ފާޅެއް ނުކުރެ އެވެ.
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީން އައީ މާލެ ކޮންޓްރޯލްކުރަމުންނެވެ. މަޖިލީހުގެ ގޮނޑިތަކުގެ އިތުރުން ސިޓީ ކައުންސިލް ވެސް ފަހަކާ ޖެހެންދެން ނެގީ އެމްޑީޕީންނެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ކޮންޓްރޯލް ނެގީ ޕީޕީއެމް/ ޕީއެންސީ އިންނެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް މާލޭގެ ގިނަ ވޯޓު ލިބުނީ އެ ކޯލިޝަނަށެވެ.
އެންމެ ފަހުގެ ކައުންސިލް އިންތިހާބުގައި މުއިއްޒު މޭޔަރުގެ މަގާމް ކާމިޔާބުކުރެއްވީ އެމްޑީޕީގެ އަނަސް އަބްދުއްސައްޔާރުއާ ވާދަކުރައްވައިގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment