4 އޮކްޓޯބަރު 2023 - 07:20 2
އަޒްލިފާ އަބްދުﷲ
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް. -- ފައިލް ފޮޓޯ
4 އޮކްޓޯބަރު 2023 - 07:20 2
ރާއްޖޭގައި ވެރިކަން ހިންގުން، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އަދާލަތު ޕާޓީން ތާއިދު ނުކުރަން ނިންމައިފި އެވެ.
މިހާރު ހިންގަމުންދާ ރިޔާސީ ނިޒާމު ދޫކޮށް، ބަރުލަމާނީ ނިޒާމުން ވެރިކަން ހިންގުން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެކަމަށް ރައްޔިތުން ހިޔާލު ހުރި ގޮތް ބެލުމަށް, މި ހިނގާ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.
ނިޒާމީ ވޯޓާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ރޭ މަޝްވަރާކޮށް އިއްތިފާގުން ނިންމީ ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރުމަށެވެ.
މިހާރު ހިނގަމުންދާ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން އެ ނިންމުން ނިންމިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ރޭ ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަ ކަމަށް ފާސްކޮށްފަ އެވެ.
ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު މަސައްްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެ ނިޒާމަށް ކުރިން އެމްޑީޕީން ތާއިދު ކުރި ނަމަވެސް، މިހާރު އެ ޕާޓީން އެ ނިޒާމަށް ތާއިދެއް ނުކުރެ އެވެ. އެންމެ ބޮޑު އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ވެސް ބަރުލަމާނީ ނިޒާމަށް ތާއިދެއް ނުކުރެ އެވެ.
މި ހިނގާ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާރު އޮތް ގޮތުން އެ މުއްދަތުގައި އެފަދަ ވޯޓެއް ނުނެގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބް އިއްޔެ ވަނީ ވިދާޅުވި އެވެ.
މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޖިލީހަށް ހުށަހެޅި އެ ގަރާރަށް އޭރު މެޖޯރިޓީ ޕާޓީ، އެމްޑީޕީން ތާއީދުކުރި އެވެ. ނަމަވެސް މިހާރު އެ ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއިދެއް ނުކުރެ އެވެ.
ހަބީބް ވިދާޅުވީ މަދުވެގެން 30 ދުވަހުގެ ތެރޭގައި ނިޒާމާ ގުޅޭ އާއްމު ވޯޓެއް ނެގިދާނެ ކަމަށް ކުރިން ބުނީ މަޖިލީހުން އެކަމަށް އެދުނު ވަގުތާ ރިޔާސީ އިންތިހާބުގެ މަސައްކަތް ހިނގަމުން އައި ވަގުތާ އެއް ވަގުތަކަށް ވާތީ އެ ހާލަތުގައި އެކަން ކުރެވިދާނެތީ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment