Advertisement

ޝަރީފަށް ހަމަލާދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

3 އޮކްޓޯބަރު 2023 - 18:12 0

ނިމާ ހަސަން

ނިމާ ހަސަން

ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ އަށް ހަމަލާ ދިން މައްސަލަ އަންނަނީ ތަހުގީގުކުރަމުން. --ފޮޓޯ: މަޖިލިސް


ޝަރީފަށް ހަމަލާދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި

3 އޮކްޓޯބަރު 2023 - 18:12 0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ހޫނުގަނޑުގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ ސީނިއާ މެމްބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) އަށް ގްރޫޕަކުން ހަމަލާ ދިން މައްސަލައިގައި ފުލުހުން މިއަދު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. މީގެ ތެރެއިން 27 އަހަރުގެ މީހާ އާއި 24 އަހަރުގެ ތިން މީހުންނަށް ވަނީ 60 ދުވަހަށް ބަންދުކޮށްފަ އެވެ. އަދި 24 އަހަރުގެ އަނެއް މީހާ ބަންދުކުރަން ނިންމީ 30 ދުވަހަށެވެ.

ޝަރީފް ނިސްބަތްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވެވަޑައިގެންނެވި އިންތިހާބު ދުވަހު ޝަރީފަށް ގްރޫޕަކުން ހަމަލާ ދިނީ މާލޭ މެންހެޓަން ބިޒްނަސް ހޮޓަލުގައި ހުންނަވަނިކޮށެވެ.

"މެންހަޓަންގައި ބަޔަކާ އެކު އިންދާ ބޮޑު ގުރޫޕަކުން އައިސް ހަމަލާދިނީ. ހަމަލާ ދިނީ ކީއްވެގެންކަން ކުޑަކޮށްވެސް ނޭނގޭ. އެ ހަމަލާ ދިނީ ކޮން ބައެއްކަންވެސް ސާފެއް ނޫން،" ޝަރީފް އެ ދުވަހު ވިދާޅުވި އެވެ.

ހަމަލާގައި ޝަރީފުގެ މޫނުމަތި ޒަހަމްވެ ލޮލަށް ވެސް ވަނީ ހާނިއްކަވެފަ އެވެ. ނަމަވެސް ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ޝަރީފުގެ ހާލު މިހާރު ރަނގަޅެވެ.

އެ ހަމަލާއާ، ޕީޕީއެމް/ޕީއެންސީއާ ގުޅުވައި ޝަރީފް އެ ދުވަހު ވިދާޅުވީ އިންތިހާބެއްގައި ހަލަބޮލިކަން އުފެއްދުމަށްޓަކައި ހިންގާ މިފަދަ ނޭއްގާނީ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމާއި، އިންތިހާބެއްގައި ނަތީޖާ ނެރެން ވާނީ ސުލްހަވެރިކަމާއެކު ދެވޭ ވޯޓުން ކަމަށެވެ.

ނަމަވެސް އެ ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް/ ޕީއެންސީ އިން ވަނީ ބުނެފަ އެވެ. ބައެއް މީހުން ވަނީ އެއީ އެމްޑީޕީގެ އެތެރޭގެ މައްސަލައަކާ ގުޅިގެން ދިން ހަަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ދުވަހު އެމްޑީޕީގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ހަމަލާދީފައިވެ އެވެ.