Advertisement

ޖީޑީޕީ ކުރިއަރާ މިންވަރު ދާނީ ދަށަށް، ހަރުދަނާ މާލީ ފިޔަވަޅުތަކެއް އަވަހަށް އަޅަންޖެހޭ: ވޯލްޑް ބޭންކު

3 އޮކްޓޯބަރު 2023 - 15:19 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ޖީޑީޕީ ކުރިއަރާ މިންވަރު ދާނީ ދަށަށް، ހަރުދަނާ މާލީ ފިޔަވަޅުތަކެއް އަވަހަށް އަޅަންޖެހޭ: ވޯލްޑް ބޭންކު

3 އޮކްޓޯބަރު 2023 - 15:19 0

ރާއްޖޭގެ އިގުތިސާދު ކުރިއަރާ މިންވަރު ކުރިއަށް އޮތް ދެ އަހަރުވެސް މަޑުޖެހޭނެ ކަމަށާއި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ރާއްޖެއިން އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ ކުރިމަތިވާނެ މާލީ ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ސައުތު އޭޝިއާ ޑިވެލޮޕްމަންޓްގެ އެންމެ ފަހުގެ އަޕްޑޭޓްއާ އެކު ވޯލްޑް ބޭންކުން މިއަދު ނެރުނު، "ބެޓެން ޑައުން ދަ ހެޗަސް" ގެ ނަން ދީފައިވާ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދީ ތަސައްވަރު މިހާރު ހުރީ ރަނގަޅަށެވެ. ނަމަވެސް މި އަހަރު އިގްތިސާދު ކުރިއަރާނީ 6.5 ޕަސެންޓުގައި ކަމަށާއި 2024 ގައި އެ އަދަދު 5.2 ޕަސެންޓަށް އަދި 2025 ވަނަ އަހަރު 5.5 ޕަސެންޓަށް ދަށްވާނެ ކަމަށް ވަނީ ބުނެފަ އެެވެ.

އަދި ދުނިޔެ އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި އޮށްވައި ރާއްޖެއިން އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިގްތިސާދަށް ކުރާނެތީ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ދަރަނި ބެލެހެއްޓުން

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވާގޮތުން ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ރުފިޔާ ޗާޕުކުރުމާއި، އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. މި ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާ އެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމުކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އަދި ރާއްޖޭގެ ދަރަނި ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން ހުންނާނީ 115 ޕަސެންޓަށް ވުރެ މަތީގައި ކަމަށްވެސް ވަނީ ބުނެފަ އެވެ. ސަރުކާރުން މި އަހަރުގެ ކުރީކޮޅު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކުރި ނަމަވެސް، 2023 ވަނަ އަހަރަށް ރާވާފައިވާ ސަބްސިޑީ އިސްލާހުތައް ލަފާކުރި ގޮތަށް ތަންފީޒުކުރެވެމުން ނުދާތީ، މާލީ ގޮތުން މިއަށް ވުރެ ބޮޑު އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އާމްދަނީ އިތުރުކުރުން

ވޯލްޑް ބޭންކުން ބުނި ގޮތުގައި މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާ އެކު ހަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހެ އެވެ. އެގޮތުން ގެންނަންޖެހޭ މުހިންމު އިސްލާހުތަކުގެ ތެރޭގައި އާސަންދަ އާއި ސަބްސިޑީ މުރާޖައާކުރުމާއި އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުން ފަދަ މުހިންމު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ބުންޏެވެ.

އަދި އާމްދަނީގެ ދާއިރާއިން، ޓެކްސް ބޭސް ފުޅާކުރުމާއި، ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި، ނުރަސްމީ އިގްތިސާދީ ހަރަކާތްތައް މަދުކުރުމާއި، އެއް ހަމައަކުން ޓެކްސް ނެގުން ފަދަ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށްވެސް ބުންޏެވެ.

މި ރިޕޯޓުގެ ސްޕެޝަލް ފޯކަސް ސެކްޝަން، 'ސަޕޯޓިން ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް އިންފްރާސްޓްރަކްޗާ'ގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭން އުމްރާނީ ތަރައްގީގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ، ގިނަ ފަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެވެސް މަތިން އެފަދަ ހަރަދުތައް ކުރެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒަރްވޮސް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރާއްޖޭން އިސްކަން ދޭންޖެހެ އެވެ.

އަދި ދުރު ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދުކުރުން މަދުކުރުމަށް އިސްކަންދިނުމާއި، އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރުވެފައިވާ ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.