3 އޮކްޓޯބަރު 2023 - 12:27 0
މުހައްމަދު ޖަމްޝަތު ވަހީދު
3 އޮކްޓޯބަރު 2023 - 12:27 0
ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ އޮފާ ތަކެއް ތައާރަފްކޮށްފި އެވެ.
މި އޮފާތައް އިއުލާނުކުރީ މިއަދު ދިރާގު ހެޑް އޮފީހުގައި އެކުންފުނިން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ. އެގޮތުން ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް މުޅިން އާ ތިން އޮފާއެއް ތައާރަފްކޮށްފައެވެ. އެއީ
•ރީލޯޑް ބޮނަންޒާ: މި އޮފާއާއެކު ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް 50 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީލޯޑް ކުރާ ކަސްޓަމަރުންނަށް 35 ޖީބީއާ ހަމައަށް ހިލޭ މޯބައިލް ޑޭޓާ ލިބޭނެއެވެ. 24 ގަޑިއިރަށް ލިބޭ މި ހިލޭ ޑޭޓާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ހޯދޭނެ އެވެ.
•ހިލޭ ރައުޓަރު އަޕްގްރޭޑް: ހުރިހާ ކަސްޓަމަރުންނަށްވެސް ރަނގަޅު ހޯމް އިންޓަނެޓް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ރައުޓަރުތައް ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ. އަދި ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ނޫންތޯ ބަލާލެވޭނެ އެވެ.
•ދިރާގު އީ-ޒޯން: މުޅިން އަލަށް ތައާރަފްކުރާ ދިރާގު އީ-ޒޯން ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ތަފާތު ކޮންޓެންޓް ސަބްސްކްރައިބްކޮށް، ގޭމިން އަދި މުނިފޫހިފިލުވުމާ ގުޅުންހުރި އިތުރު ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބޭނެ އެވެ.
މި ޕްލެޓްފޯމް އަލަށް ލޯންޗުކުރުމުގެ އޮފާއެއްގެ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ މިނީ ގޭމް ސަބްސްކްރިޕްޝަންތަކެއް ލިބޭނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމަށް އައު ކޮންޓެންޓާއި ފީޗާތައް އިތުރުވަމުންދާނެ ކަމަށް ދިރާގުން ބުންޏެވެ. ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ދިރާގު އީ-ޒޯންއަށް އެކްސެސްވެވޭނެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ މުޅި އޮކްޓޫބަރު މަހަށް ބަހާލައިގެން ސިލްސިލާ ޕްރޮމޯޝަންތަކެއް ލޯންޗުކުރާނެކަމަށްވެސް އިއުލާންކޮށްފަ އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ ވޭތުވެދިޔަ މުއްދަތުގައި ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ ޑިޖިޓަލް މުސްތަގުބަލުގައި ކަސްޓަމަރުން ކުރި އެރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދޭނެކަމަށާއި ކަސްޓަމަރުންނަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމުގައި އެކުންފުނި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސް ސަފުގައި ދެމިތިބުމަށާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަގުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
Comment