Advertisement

އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަބްދުއްރަހީމް

2 އޮކްޓޯބަރު 2023 - 16:52 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިހާބީ ރައީސް މުއިއްޒު އަދި އިންތިގާލީ ކޮމިޓީގެ ވެރިޔާ އަބްދުލްރަހީމް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް އަބްދުއްރަހީމް

2 އޮކްޓޯބަރު 2023 - 16:52 1

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި، އިންތިހާބީ ރައީސްގެ ފަރާތުން އެކުލަވާލާ އިންތިގާލީ ކޮމިޓީތަކުގެ ވެރިޔަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ހަމަޖައްސައިފި އެވެ.

ޓްރާންސިޝަނަލް ކޮމިޓީތަކުގެ ޑިރެކްޓަރު ޖެނެރަލްގެ ނަން ދީފައިވާ އެ މަގާމަށް އަބްދުލްރަހީމް ހަމަޖެއްސެވިކަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ތޮލާލް ވިދާޅުވީ މިހާރުން ފެށިގެން ޓްރާންސިޝަނަލް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރެވޭ އިރު އެ މަސައްކަތް ނިމޭނެ ކަމަށެވެ.

އަބްދުލްރަހީމަކީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން އެ ކޯލިޝަންގެ އެކްޓިން ލީޑަރުގެ ދައުރު ވެސް އަދާކުރެއްވި ބޭފުޅާ އެވެ. އޭގެ އިތުރުން، މުއިއްޒާއެކު ރިޔާސީ ކެމްޕެއިނުގައި އެންމެ އިސްކޮށް އުޅުއްވި އެކަކަކީ ވެސް އޭނާ އެވެ.

ރިޔާސީ އިންތިހާބު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު މުއިއްޒު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 54 ޕަސެންޓު ވޯޓުންނެވެ. ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރު މުއިއްޒު ވަނީ 46 ޕަސެންޓް ވޯޓު ހޯއްދަވައިފަ އެވެ. އެ ބުރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

މިއީ އިންތިހާބުގެ ފުރަތަމަ ބުރު އެންމެ ގިނަ ވޯޓު ހޯއްދެވުމަށް ފަހު، ދެވަނަ ބުރު ވެސް ގިނަ ވޯޓު ހޯއްދަވައިގެން ރިޔާސީ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ރިޔާސީ އިންތިހާބަށް ފަހު އިއްޔެ ވަގުތެއްގައި އިންތިހާބީ ރައީސް މުއިއްޒާއި، ރައީސް ސޯލިހާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ވީހާވެސް އޮމާންކޮށް ގެންދިއުމަށް ޓަކައި މަޝްވަރާ ކުރެއްވި އެވެ.