2 އޮކްޓޯބަރު 2023 - 16:54 1
މުހައްމަދު ޖަމްޝަތު ވަހީދު
ބޯކޮށް ވާރޭވެހި ރަސްދޫގައި ފެންބޮޑުވެފަ. ފެން ހިންދަން ކައުންސިލުން ބޭނުންކުރަނީ ވަޅު ދިޔަ ހިއްކާ ޕަމްޕު---
2 އޮކްޓޯބަރު 2023 - 16:54 1
މެދު ރާއްޖެތެރެއަށް ރެއިން ފެށިގެން ކުރަމުންދާ ބޯ ވިއްސާރައިގައި އއ. ރަސްދޫ އަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ގިނަ ގެތަކަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
"އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރޭ ފަތިހު ކުރަން ފެށި ވިއްސާރަ އަދިވެސް އެ ރަށަށް އަލިކުރާ ވަރު ނުވެ އެވެ. އެގޮތުން ބޯކޮށް ވާރޭ ވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގެތަކަށް ވެސް ފެންވަދެފައިވާ ކަމަށް އޭނާ ބުންނެވެ.
"ރޭ ފަތިހުން ފެށިގެން ބޯކޮށް ވެހެމުން އައިސް މިއަދު ހެދުނު ކުޑަކޮށްވެސް ތުނި ކުރީ. އެފަހުން އަނެއްކާވެސް އެހާ ބޯކޮށް ވެހިފަ މިހާރު ކުޑަކޮށް ހުއްޓިފަ ވަނީ. ވައި ގަދައެއް ނޫން. އަދިވެސް ހަމަ ބަނަކޮށް އޮތީ،" އޭނާ ބުންޏެވެ.
ބޯކޮށް ވާރޭވެހި ރަސްދޫގައި ފެންބޮޑުވެފަ. ފެން ހިންދަން ކައުންސިލުން ބޭނުންކުރަނީ ވަޅު ދިޔަ ހިއްކާ ޕަމްޕު---
މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގަ އެވެ. ފެންނަ ފެނުމަށް ބައެއް މަގުތަކުގައި ތަނބިކައްޓާ ހަމައަށް ފެންގަނޑު އުފުލިފައި ހުރި އިރު ގެތަކުގެ އެތެރެއަށް ވެސް ފެން ވަނީ ވަދެފަ އެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި ރަށުގައި ފެންބޮޑުވި ބައެއް ސަރަހައްދުތަކުގައި ކަކުލާ ހަމަޔަށް ފެންގަނޑު އަރަ އެވެ. އަދި ބައެއް ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކްސްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށު ކައުންސިލާއި ފުލުހުންނާއި އާންމުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިވަގުތައް ރަށުގައި ފެންހިންދާނެ ވަސީލަތްތަކެއް ނެތް ކަމަށާއި އެހެންވެ ވަޅުދިޔަ ހިއްކާ ޕަންޕު ޖަހައިގެންނާއި މޫދަށް ކޯރުކޮނެގެން ފެން ހިންދުމުގެ މަސައްްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ފުލުހުން އަތުގަވެސް ނެތް ފެންހިންދާނެ ވަސީލަތްތަކެއް. ދެން އަޅުގަނޑުމެން އަތުގަވެސް ހުރީ ވަޅު ދިޔަ ހިއްކާ ކަލަހަ އޮޓޯ ޕަމްޕު. އޭގެ ދެތިން އެއްޗެއް. އޭތި ޖައްސައިގެން ފެން ހިންދަން މަސައްކަތް ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.
Comment