Advertisement

ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެވޭ: ރައީސް

2 އޮކްޓޯބަރު 2023 - 11:43 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު؛ އެމަނިކުފާނު ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި ހެޔޮ ވެރިކަމެއް ކުރެވިއްޖެ ކަމަށް -- ފޮޓޯ: ޝާބިން/އަދަދު


ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެވޭ: ރައީސް

2 އޮކްޓޯބަރު 2023 - 11:43 2

ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމަކަށް އައިސްފައި ވާއިރު، ފާއިތުވި ފަސް އަހަރު ހެޔި ވެރިކަމެއް ކުރެވިއްޖެ ކަމުގެ އިސްސާސް ކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމުގައި މި ކުރެވުނު ހެޔޮ މަސައްކަތްތަކާއި މަޝްރުއޫތައް އެއީ މިދެންނެވި ނަތީޖާ. ފަސްއަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސްކަން ނޭނގެ ތަރުތީބުކުރަން. އެކަން ޖަޖްކުރާނީ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ދިމާވި އާލަމީ ވަބާ ކޮވިޑް-19ގެ ހާލަތާ ކުރިމަތިލުމަށް ފަހު ވެސް އެތައް ކުރިއެރުންތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ އިސް ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ގައުމުގެ އަމަން އަމާންކަން ގާއިމްކުރުމެވެ.

އޭގެ އިތުރުން ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިއެވުމުގެ ފުރުސަތު ދިނުމާއި، ރައްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންޖެހިފައި ތިބި އަސާސީ ހައްގުތައް ހޯދައިދިނުމާއި، ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތައް އެއީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު ކާމިޔާބީތައް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކަށްވީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން. އަޅުގަނޑުގެ ހަމައެކަނި އަމާޒަކަށް ވީ ހަމައެކަނި އިންތިހާބެއް ކާމިޔާބުކުރުމެއް ނޫން" ރައީސް ސޯލިހު ވިދާޅުވި އެވެ.