Advertisement

ބާތިލު ވޯޓު ގިނަވީ ނިޒާމާ މެދު ގިނަ ބައެއްގެ އިތުބާރު ނެތުމުން: އެޗްއާރުސީއެމް

1 އޮކްޓޯބަރު 2023 - 22:19 4

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކު ކަމުނުދާތީ ދެ ގޮޅީގައިވެސް ނުބައި ފާހަގަ ކުރަހާފައިވާ ބާތިލް ވޯޓެއް -- ފޮޓޯ: އިޔާން/އަދަދު


ބާތިލު ވޯޓު ގިނަވީ ނިޒާމާ މެދު ގިނަ ބައެއްގެ އިތުބާރު ނެތުމުން: އެޗްއާރުސީއެމް

1 އޮކްޓޯބަރު 2023 - 22:19 4

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓު ގިނަވީ ނިޒާމަށް އިތުބާރު ނުކުރާ މީހުން ގިނަ ވުމުން ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބާއި އޮބްޒާވްކުރުމަށް ފަހު ހޯދުންތައް ކިޔައިދޭން އެޗްއާރުސީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ މެމްބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު ވިދާޅުވީ ބާތިލް ވޯޓު ގިނަ ވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.އިންތިހާބުގައި ތިން އިންސައްތަ ވޯޓު ބާތިލުވުމުގެ މައިގަނޑު އެއް ސަބަބަކީ ނިޒާމާ މެދު އިތުބާރު ނުކުރާ މީހުން ގިނަވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓު ބާތިލްވުމުގެ ވަރަށް ބައިވަރު ސަބަބުތަކެއް އެބަހުރި. މިސާލަކަށް އެ ސިސްޓަމާ ދޭތެރޭ، ނޫނީ ނިޒާމާ ދޭތެރޭގަ އިތުބާރު ނެތުން މީހުންގެ." ޝިފާއަތު ވިދާޅުވި އެވެ.

ޝިފާއަތު ވިދާޅުވީ، އެއީ ކޮންމެ އިންތިހާބެއް ކަމުގައި ވިޔަސް، ބަޔަކު އިންތިހާބު ކުރުމުގެ ސަބުން ނިޒާމަށް މާބޮޑު ހެޔޮ ބަދަލުތަކެއް ނާންނާނެ ކަމަށް ގަބޫލުކުރެވޭ ނަމަ ބާތިލް ވޯޓު ލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިހާރު ރާއްޖޭގެ ނިޒާމު އޮތް ގޮތުން އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކު ކަމު ނުދާނަމަ, ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ފާހަގަ ލެވޭނެ ގޮޅިއެއް ނޯންނަ ކަމަށާއި، އޭގެ ބަދަލުގައި ވަރަށް ގިނަ ބަޔަކު ބާތިލު ވޯޓެއް ލާކަމަށް ޝިފާއަތު ވިދާޅުވި އެވެ.

"އެހެންވީމަ ތިމަންނަ ބޭނުންވަނީ އެއްވެސް ކެންޑިޑޭޓަކު އިހްތިޔާރު ނުކުރާކަން ދެއްކުމަށްޓަކާ ސިސްޓަމަށް ވެސް އިތުބާރު ނެތްކަން ދެއްކުމަށްޓަކާ، ބާތިލް ވޯޓުގެ ބާތިލް ކުރާ ސަބަބާއި ޝުއޫރުތައް ވެސް ކަރުދާހުގައި ލިޔޭ އެބަ" ޝިފާއަތު ވިދާޅުވި އެވެ.

ދެވަނަ ބުރާ ދިމާކޮށް ސޯޝަލް މީޑިއާގައި އުފެދުނު "ޓީމް ބާތިލް" މޫވްމަންޓަށް އަލި އަޅުވާލަމުން ޝިފާއަތު ވިދާޅުވީ އޭގައިން ކަންކަން ދަސްކުރަން ޖެހޭ ކަމަށާއި، އެމީހުންގެ ޝަކުވާތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

"ތިން ޕަސެންޓު ބާތިލް ވޯޓު އިލެކްޝަނެއްގައި، ކަނޑައެޅިގެން ދިއުމަކީ ވަރަށް ބޮޑަށް އަޅުގަނޑުގަނޑުމެން މިކަމާމެދު ކަންބޮޑުވެ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމެއް" ޝިފާއަތު ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލާފައި ވަނީ 246،915 މީހުންނެވެ. އޭގެ ތެރެއިން 7888 ވޯޓަކީ ބާތިލް ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ތިން އިންސައްތަ އެވެ. ފުރަތަމަ ބުރުގައި ބާތިލްވެފައި ވަނީ ދެ އިންސައްތަ ވޯޓެވެ.