Advertisement

ވަރުގަދަ ނެޕާލާ ދެކޮޅަށް ރާއްޖޭގެ ކްރިކެޓު ޓީމުން ހިތްވަރު ދައްކައިފި

1 އޮކްޓޯބަރު 2023 - 21:10 0

އޭޝިއަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ރާއްޖެއިން ކުޅެނީ - ފޮޓޯ: ނައުޝަމް ވަހީދު/އެމްއޯސީ


ވަރުގަދަ ނެޕާލާ ދެކޮޅަށް ރާއްޖޭގެ ކްރިކެޓު ޓީމުން ހިތްވަރު ދައްކައިފި

1 އޮކްޓޯބަރު 2023 - 21:10 0

އޭޝިއަން ގޭމްސްގައި އޭޝިއާގެ ކްރިކެޓުގެ ގަދަ ބާރެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ނޭޕާލާ ދެކޮޅަށް ކުޅެ 138 ލަނޑުން ރާއްޖޭގެ ކްރިކެޓް ޓީމް ބަލިވެއްޖެ އެވެ.

ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުގައި ނޭޕާލް އަތުން ބަލިވުމުން ރާއްޖެއަށް ލިބުނީ ގްރޫޕްގެ ދެ ވަނަ އެވެ. އެއް ވަނަ ލިބުނީ ދެ މެޗުން މޮޅުވި ނޭޕާލެވެ. ރާއްޖެ އިން ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މޮންގޯލިއާ ނުވަ ވިކެޓުން ބަލިކޮށްފަ އެވެ.

މިއަދު މެޗުގައި ފުރަތަމަ ކުޅެން އެރީ ނޭޕާލުންނެވެ. އެ ޓީމް ކުޅެން އަރާ 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން 212 ލަނޑު ހެދި އެވެ.

ނޭޕާލް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ރޯހިތު ކުމާރު ޕަޑުއެލް އެވެ. އޭނާ ވަނީ 27 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. މީގެ އިތުރުން ކައުޝަލް މައްލާ ވަނީ ނުބައިނުވެ 20 ބޯޅައިން 47 ލަނޑު ހަދާފަ އެވެ.

މި އިނިންގްސްގައި އިސްމާއިލް ނަޒްވާން ބަދީއު ވަނީ ހަތަރު އޯވަރުގައި 17 ލަނޑަށް ތިން ވިކެޓު ނަގާފަ އެވެ. މީގެ އިތުރުން ނާއިލް އިސްމާއިލް ނަސީރު، މިއުވާން މުހައްމަދު އަދި މުހައްމަދު ރަޔާން ތޮލާލް، މިއިން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގި އެވެ.

އޭޝިއަން ގޭމްސްގައި ނޭޕާލްގެ ކުޅުންތެރިއެއް ނުބައިކުރުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ނައުޝަމް ވަހީދު/އެމްއޯސީ


ރާއްޖޭގެ ޓީމް ކުޅެން އަރާ 20 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 74 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 36 ލަނޑު ހެދި މުއާވިޔަތު އަބްދުލްޣަނީ އެވެ.

ނޭޕާލް ޓީމްގެ އަބިނާޝް ބޯހާރާ ވަނީ މި އިނިންގްސްގައި ހަ ވިކެޓު ނަގައިފަ އެވެ.

ރާއްޖެ އަތުން މޮޅުވެ ނޭޕާލް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފުރަތަމަ މެޗުގައި 314 ލަނޑު ހެދި ނޭޕާލަކީ އޭޝިއާ ކަޕްގައިވެސް ކުޅޭ ވަރުގަދަ ޓީމެކެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރީ ރާއްޖޭގެ ދެ ވަނަ ޓީމެވެ. އެ ގޮތުން ގައުމީ ސީނިއާ ޓީމްގެ ކުޅުންތެރިން މިވަގުތު ތިބީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިން ކުޅުމަށް ގަތަރުގަ އެވެ. އެއް ތާރީހެއްގައި ދެ މުބާރާތް އޮންނާތީ އޭޝިއަން ގޭމްސްގައި ވާދަކުރަނީ ރާއްޖޭގެ ދެ ވަނަ ޓީމެވެ.

އަނެއްކޮޅު އޭޝިއަން ގޭމްސްއަކީ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމްގެ ގިނަ ކުޅުންތެރިންގެ ފުރަތަމަ ބައިނަލްއަގްވާމީ ޓީ20 މުބާރާތެވެ. މި ޓީމްގެ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ މެޗެއްގައި މީގެ ކުޅެފައިވަނީ އެންމެ މުއާވިޔަތު އަބްދުލްގަނީ އާއި އިސްމާއިލް ނަޒްވާން ބަދީއުު އެކަނި އެވެ.