1 އޮކްޓޯބަރު 2023 - 16:37 5
އަހުމަދު އާއިދު
އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
1 އޮކްޓޯބަރު 2023 - 16:37 5
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ގެނައުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ތާއިދު ކުރެއްވިޔަސް، އޭނާ ތާއިދު ނުކުރާނެ ކަމަށް އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް މެމްބަރުން އެދިވަޑައިގަންނަވާ ނަމަ އެ މަނިކުފާނު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުުންނެވި ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ވެސް ހުންނެވި ވަހީދު "އަދަދު" ނޫހަށް ވިދާޅުވީ ނަޝީދު އަނބުރާ ޕާޓީއަށް ގެނައުމަށް އޭނާ ތާއީދު ކުރަން ބޭނުން ނުވަނީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ ޑިމޮކްރެޓްސް އާއި ނަޝީދު "އިބޫ ނޫން ގޮތެއް" ހޯދަން ކަމަށް ބުނެ ކުރި ކެމްޕޭނު ކަމަށެވެ.
"ޕީޕީއެމަށްވުރެ ބޮޑަށް އަޅުގަނޑުމެންނާ އިދިކޮޅަށް، ރައީސް ސޯލިހު ނޫން ގޮތެއް ހޯދުމަށް ކަމަށް ބުނެ، މަސައްކަތް ކުރީ ޑިމޮކްރެޓްސް އަދި ރައީސް ނަޝީދު. އެހެން އަޅުގަނޑު ނަޝީދަށް ތާއިދު ކުރަން ބޭނުން ނުވަނީ،" ކުރިން ނަޝީދާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ އެތެރޭގައި ކުރިން ކުރި ކެމްޕޭނުގެ މެނޭޖަރަކަށް ހުންނެވި ވަހީދު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ އެޕާޓީން މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގަ އެވެ. "ފިކުރެއްގެ ދިރުން" ނަމުގައި އެެމަނިކުފާނު އޭރު އުފެއްދެވި ފެކްޝަނުން ފަހުން ޕާޓީއެއް އުފެއްދެވި އެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް އިލްޔާސް ލަބީބަށް އިންތިހާބުގެ ދެވަނަ ބުރަށް ވަޑައެއް ނުގެންނެވުނެވެ. އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެވެ. އެއީ ވޯޓުގެ ހަތް ޕަސެންޓެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެމްޑީޕީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ އެމްޑީޕީއަށް ވީ ނާކާމިޔާބެވެ.
ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ، 54 ޕަސެންޓު ވޯޓުންނެވެ. އެއީ 127,000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހުއަށް ލިބިވަޑައިގަތީ 108,000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.
Comment