Advertisement

ދޮގާއި އޮޅުވާލުން ބޮޑު ކެމްޕެއިނެއް: އިންފްލުއެންސަރުން އުޅުނީ ދޮގު ފެތުރުމުގައި!

3 އޮކްޓޯބަރު 2023 - 08:46 19

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮޓޯ: ރައްޔާން މުހައްމަދު


ދޮގާއި އޮޅުވާލުން ބޮޑު ކެމްޕެއިނެއް: އިންފްލުއެންސަރުން އުޅުނީ ދޮގު ފެތުރުމުގައި!

3 އޮކްޓޯބަރު 2023 - 08:46 19

ފާއިތުވި ދެ މަހެއްހައި ދުވަހު ކުރި ބޮޑެތި ކެމްޕެއިނުތަކަށްފަހު، ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ވޯޓުލުން ނިންމާލިއިރު އިންތިހާބުގެ ޕްލޭޔިން ފީލްޑަކަށްވީ އިންޓަނެޓާއި ސޯޝަލް މީޑިއާ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ކޮންމެ ގޮތަކުން ބެލި ނަމަވެސް، މަގުތީގައި ދެމި ދިދަތަކާއި ބެނާތަކާއި ހަރުކުރި ބިލްބޯޑުތަކާއި ހިއްޕި ޕޯސްޓަރުތަކަށްވުރެ، އިންތިހާބުގައި ވިދާލީ އެކްސް އާއި ފޭސްބުކާއި ޓިކްޓޮކުގެ އެކައުންޓުތަކެވެ.

ސިޔާސީ އެއްވެސް ކަމަކަށް ކުޑަ ނަމަވެސް ޝައުގުވެރިކަމެއް ހުރި ނަމަ އެކްސްގެ ވާޗުއަލް ޝަހުސިއްޔަތު "ހަސަން ކުރުސީ" ނުދަންނަ މީހަކު މިހާރު މަދުވާނެ އެވެ. ކުރުސީއާ ގާތް ކުރާ މިންވަރަށް މަޝްހޫރުކަން ނުހޯދި ނަމަވެސް "ނަހްޔާންއެމްޑީޕީ" އާއި "ސިއްކަމޮހިރީ" އަކީ ވެސް މިފަހަރުގެ އިންތިހާބުގެ ތެރޭގައި ގަދަވި އަޑުތަކެކެވެ.

ހަމަ އެގޮތަށް، ރާއްޖޭގައި ހިންގާ ބައެއް އޮންލައިން ނޫސްތަކުގެ ނޫސްވެރިން ވެސް މަޝްހޫރުވީ ސޯޝަލް މީޑިއާގަ އެވެ.

އެ ހުރިހާ އަޑުތަކެއް ގަދަވެ، ކެމްޕެއިނުގެ ފޯރީގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތެދާއި ދޮގު ވެސް ގޮސްފައިވާކަމީ އެކަކަށް ވެސް ދޮގު ކުރެވޭނެ ކަމެވެ. މި އިންތިހާބުގެ ތެރޭގައި އޮޅުވާލުމާއި ދޮގު މައުލޫމާތު، ވޯޓުލާން ތިބި މީހުންނަށް ފަތުރާފައިވާކަމުގެ ކަންބޮޑުވުން، މަންޒަރު ބަލަން ތިބި ތަޖުރިބާކާރުންނާއި ބޭރުގެ އޮބްޒާވަރުން ވަނީ ހާމަކޮށްފަ އެވެ.

އިންޓަނެޓާއި ސޯޝަލް މީޑިއާ އޯޑިއެންސް

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޖުލައި، 2023 ގައި އާންމު ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 723،093 މޯބައިލް ސަބްސްކްރިޕްޝަން ގެންގުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 509،302 ޕްރީޕެއިޑް ސަބްސްކްރިޕްޝަނާއި 213,791 ޕޯސްޓްޕެއިޑް ސަބްސްކްރިޕްޝަނެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 94,173 ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ބޭނުން ކުރެ އެވެ. އަދި މޯބައިލް ބްރޯޑްބޭންޑްގެ 300,433 ކަނެކްޝަން ރާއްޖޭގައި ބޭނުން ކުރެ އެވެ.

ސޯޝަލް މީޑިއާގެ ހިސާބުތަކަށް ބަލާއިރު 372،000 އަށް ވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓު ރާއްޖޭގައި ހިންގަ އެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ 71 ޕަސެންޓު މީހުންނެވެ.

އެހެންކަމުން ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގައި އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުންގެ އަދަދުތައް ގިނަ އެވެ. އަދި މި ނިމުނު ރިޔާސީ އިންތިހާބުގައި ގިނަ މީހުންނަށް ހަބަރު ލިބުނީ އިންޓަނެޓު އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްކަން ޔޫރަޕިއަން ޔޫނިއަނުން އިން ވެސް ފާހަގަ ކުރެ އެވެ.

"މައިގަނޑު ގޮތެއްގައި މީހުންނަށް ހަބަރުތައް ލިބޭ ވަސީލަތްތަކަކީ ސޯޝަލް މީޑިއާ އަދި ނޫސްތަކުގެ ވެބްސައިޓުތައް،" ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ޔޫއެން އިން ނެރުނު އިބްތިދާއީ ބަޔާނެއްގައި ބުނެފައިވެ އެވެ.

ޔޫއެން އިން ފާޅު ކުރި ކަންބޮޑުވުންތައް

މިފަހަރުގެ ރިޔާސީ އިންތިހާބު ހިނގާ ގޮތް ބެލުމަށް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހަރަކާތްތެރިވި އެއް ބަޔަކީ ޔޫއެން އެވެ. އެ ޖަމިއްޔާގެ ބޮޑު ވަފުދެއް އިންތިހާބު މޮނީޓާ ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވި އެވެ.

ރާއްޖޭގެ އިންތިހާބީ މާހައުލު ބެލުމުގެ ގޮތުން ސޯޝަލް މީޑިއާ މޮނީޓާ ކުރުމަށް ވެސް ހާއްސަކޮށް އެ ޖަމިއްޔާގެ ވަރުގަދަ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވި އެވެ. އަދި އިއްޔެ، އިންތިހާބުގެ ދެ ވަނަ ބުރުގެ ނަތީޖާއަށްފަހު އެ ޖަމިއްޔާއިން ވަނީ ވަރުގަދަ އިބްތިދާއީ ބަޔާނަކުން ގިނަ ކަންކަން ހާމަކޮށްފަ އެވެ.

"ކެމްޕެއިނުގެ ތެރޭގައި ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަ ކުރެވުނުއިރު، ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ،" އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ހިންގާ ނޫހެއް ކަމަށްވާ "ދިޔަރެސް" އިން ކަނޑައެޅިގެން އަދި ރޭވިގެން ދޮގު މައުލޫމާތު ފެތުރުމުގެ ބޮޑު ކެމްޕެއިނެއް ހިންގި ކަމަށް ވެސް އީޔޫގެ ބައިނަލްއަގްވާމީ އޮބްޒާވަރުން ފާހަގަ ކުރި އެވެ.

"އެކްސް/ޓުވިޓާ އަދި މެޓާގައި [ފޭސްބުކްގައި] އެކައުންޓު ގެންގުޅޭ ކިތަންމެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާދީ، ދެ ކެންޑިޑޭޓުންނާއި ދެކޮޅަށް ވެސް ހަގީގަތް ހޯދާފައިނުވާ ތުހުމަތުތައް ފަތުރާފައިވޭ،" އެ ބަޔާނުގައިވެ އެވެ. "އޮންލައިންކޮށް ހިންގާ ނޫހެއް ކަމުގައިވާ ދިޔަރެސް އިން މިހާރު ހުންނެވި ރައީސްއާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަން ފާހަގަ ކުރެވުނު."

ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ވެސް އެ ޓީމުން ވަނީ ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން ގެނެސްދިންކަން ޔޫއެން އިން ފާހަގަ ކުރި އެވެ.

"މައުލޫމާތު އޮޅުވާލުމުގެ މިސާލުތައް ގޮތުގައި ފާހަގަ ކުރެވުނީ ގިނަފަހަރު ކަންކަމުގެ ހަގީގަތް ނުބައި ގޮތަށް ގެނެސްދިނުމާއި އެއްކަމާއި އަނެއްކަމާ ދެމެދު އޮތް ގުޅުންކަމުގައި ހަގީގަތާ ހިލާފަށް ކަންކަން ގެނެސްދިނުމާއި ނުބައި ކޮންޓެކްސްޓުގައި ކަންތައްތައް ގެނެސްދިނުން،" ފުރަތަމަ ބުރަސްފަހު ސެޕްޓެމްބަރު 11، ގައި ޔޫއެން އިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތެވެ.

ސޯޝަލް މީޑިއާގައި އޮޅުވާލައިގެން ކޮންމެވެސް ވަރަކަށް ފޮޓޯ އާއި ވީޑިއޯ ވެސް ދައުރު ކުރި ކަމަށް ޔޫއެން އިން ފާހަގަ ކުރި އެވެ. ނަމަވެސް އެކަން ކުރީ މާބޮޑު މައްސަލައެއް ކުރިމަތިނުވާނެ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

"ފޮޓޯ ނުވަތަ އިމޭޖާއި ވީޑިއޯ އޮޅުވާލައިގެން ގެނެސްދިނުން ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވުނު ނަމަވެސް ހަޖޫޖެހުމުގެ ގޮތުން މީމް، ޕޭޖުތަކުގައި ބޭނުން ކުރުން ފިޔަވާ، ގިނަ ފަހަރަށް އެކަންތައް ކޮށްފައި ހުރީ މާބޮޑު މައްސަލަތަކެއް އެކުލެވޭ ގޮތަކަށް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިންތިހާބުގެ ކުރިން ވެސް އަދި އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން ވެސް، ހޭޓް ސްޕީޗް ނުވަތަ ނަފުރަތު އުފެދޭ ގޮތުން ދައްކާ ވާހަކަތަކާމެދު ސަމާލުވުމަށް ޔޫއެން އިން ގޮވާލާފައި އޮތެވެ.

"ޑިމޮކްރެޓިކް މުޖުތަމައެއްގައި ނަފުރަތު އުފެދޭ ގޮތަށް ދައްކާ ވާހަކައަށް ޖާގައެއް ނޯންނާނެ. އިންތިހާބުގެ ކުރިން، އިހުލާސްތެރިކަމާއެކު ހިޔާލު ބަދަލުކުރުމާއި ދުޅަހެޔޮގޮތުގައި ބަހުސްކުރުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސްކަން ހަނދުމަފުޅު ކުރައްވަމާ ހިންގަވާ،" އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ޔޫއެން އިން ބުނެފައިވެ އެވެ. "ބައިބައިނުކޮށް، އެއްބައިކުރުވާ އިބާރާތްތައް ހިޔާރު ކުރައްވާ."

ދޮގާއި އޮޅުވާލުން ހުއްޓުވުން މުހިންމު

ދޮގާއި އޮޅުވާލުމުގެ މައްސަލަތަކާމެދު ޔޫއެންގެ އިތުރުން ރާއްޖޭގެ ބައެއް ތަޖުރިބާކާރުން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ. އެގޮތުން،، ދޮގާއި އޮޅުވާލުންތައް ހުއްޓުވަންޖެހޭކަން ފާހަގަކޮށް، އެ ވާހަކަ އެންމެ ތަފުސީލުކޮށް ދެއްކެވި އެއް ބޭފުޅަކީ ގާނޫނީ ވަކީލު އަދި ކުރީގެ ދައުލަތުގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ.

"ޑިސްއިންފޮމޭޝަނާއި މިސްއިންފޮމޭޝަން މުޖްތަމައުގައި ފަތުރައިގެން އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ ބޮޑެތި ގަޑުބަޑުތަކާއި ހަމަނުޖެހުން އުފައްދަނީ ނޫސްވެރިކަމާއި މީސްމީޑިޔާ ބޭނުންކޮށް ހައްގާއި ބާތިލް އޮޅުވައިގެންކަން މިއަދު އެންމެނަށް އިނގޭ،" ސަވާދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނާ ވިދާޅުވެފައި އޮތެވެ. "ޒަމާނީ ދައުލަތްތަކުން މިވަބާއަށް ގާނޫނީ އަދި ނިޒާމީ ހައްލުތައް ހޯދަމުންދާއިރު، އަޅުގަޑުމެން ހިމޭނުންތިބޭތަން ފެންނަނީ."

ސަވާދު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހުދޫދެއް ނެތި ދެވޭ މިނިވަންކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމުގައި ދައުލަތުގެ މަސްލަހަތެއް އޮންނާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހުދޫދެއް ނެތި ގާއިމު ކުރެވިފައިވާ އެއްޗެއް ނޫން. ދައުލަތެއްގެ އެންމެ ބޮޑު މަސްލަހަތަކީ ރައްޔިތުންނަށްޓަކައި އެދައުލަތުގެ ދާއިމީ ދިރިއޮތުން ދެމެހެއްޓުން. މި މަސްލަހަތަށް ހުރަސް އަޅާ ކޮންމެކަމެއް ހުއްޓުވުމަކީ ދައުލަތުގެ ޒިންމާއެއް،" އޭނާ ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން، ދޮގާއި އޮޅުވާލުން ހުއްޓުވުމަށް ބައެއް ގައުމުތަކުގައި ކަންކުރަމުންދާ ގޮތްތަކުގެ މައްޗަށް ވެސް ސަވާދު އަލި އަޅުއްވާލެއްވި އެވެ.

"މިކަން ހުއްޓުވަން ގައުމުތަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައި، އިންކުރޭ. ފްރާންސް، އޮސްޓްރޭލިޔާ، ޖާމަނީ، ބެލްޖިއަމް، މެލޭޝިޔާ، ސިންގަޕޫރު އަދި ސައުތު ކޮރެޔާގައި ދޮގު ހަބަރު [ހާއްސަކޮށް އިންތިހާބަކާ ދިމާކޮށް] ފެތުރުމަކީ ގާނޫނީ ކުށެއްކަމުގަ ހަދަމުންދާއިރު، އަނެއްބައި ގައުމުތަކުން، ސަރުކާރުގެ ހާއްސަ ޓާސްކް ފޯސް އެއް އެކުލަވާލައި ފޭކް ނިއުސް ގެ ދޮގުދެތު ރައްޔިތުންނަށް ސާފޮކޮށްދީ ހޭލުންތެރި ކުރުވާ،" ސަވާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވެސް ވިދާޅުވީ، ދޮގާއި އޮޅުވާލުން ހުއްޓުވުމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އޭނާ ވިދާޅުވީ "މިކަމުގަ ދައުލަތުން ކުޅިބަލަން ތިބުމުގެ އެއްވެސް ހައްގެއް، ހައިސިއްޔަތެއް އަދި އުޒުރެއް ނެތް" ކަމަށެވެ.

"ނިޒާމާއި ދުސްތޫރާއި ދީން ފޮރުވިފައިވާ ބައެއްގެ މަސްލަހަތަށް އޮޔާދާން ދޫކޮށްލުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫންކަން މި އިންތިހާބުން ސާފުވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން އިންޓަނެޓާއި ސޯޝަލް މީޑިއާ ގިނައިން ބޭނުން ކުރާ ބަޔެކެވެ. އެންމެ ގިނައިން ހަބަރު ބަލަނީ އަދި ލިބެނީ ވެސް އެ ދެ ވަސީލަތްތައް މެދުވެރިކޮށެވެ. އެހެންކަމުން، އިންޓަނެޓާއި ސޯޝަލް މީޑިއާގައި ހަބަރު ފެތުރުމުގައި ވެސް އިންތަކެއް ކަނޑައެޅުމަކީ ގޯހެއް ކަމަށް ނުފެނެ އެވެ. ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ވެސް އަމަލު ކުރަނީ އެގޮތަށެވެ.