Advertisement

މާޓީނޭޒް ހަތަރު ގޯލު ޖަހައި އިންޓަ އެންމެ ކުރިއަށް

1 އޮކްޓޯބަރު 2023 - 10:27 0

މާޓީނޭޒް މެޗަށް ފަހު އުފާފާޅުކުރަނީ.


މާޓީނޭޒް ހަތަރު ގޯލު ޖަހައި އިންޓަ އެންމެ ކުރިއަށް

1 އޮކްޓޯބަރު 2023 - 10:27 0

މިލާން (އޮކްޓޫބަރު 1) - އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒް ޖެހި ހަތަރު ގޯލުން، 4-0 އިން ސެލަނިޓާނާ ބަލިކޮށް އިންޓަ މިލާން، އިޓާލިއަން ލީގުގެ އެންމެ ކުރިއަށް ޖެހިލައިފި އެވެ.

އިންޓަ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އޭސީ މިލާނާ އެއްވަރަށް ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެން، ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. މިލާން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ލާޒިއޯ ބަލިކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ރޭ ކުޅުނު މެޗުން ވަނީ ލެއްޗޭ ދަނޑުގައި 4-0 އިން މޮޅުވެފަ އެވެ. ނަޕޯލީ ތިން ވަނައިގައި އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެވެ.

ސެލަނިޓާނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އިންޓަ އިން ކުޅުން ރަނގަޅުކޮށް، ގިނަ ފުރުސަތުތަކެއް ހޯދަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން މާޓީނޭޒް ވަނީ މި ހާފުގައި ހަތަރު ގޯލު ޖަހައި އިންޓަ މޮޅުކޮށްދީފަ އެވެ. މާޓީނޭޒް ހެޓްރިކް ހެދި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

މިލާނުން ލާޒިއޯ ބަލިކުރި މެޗުގައި ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުން މިލާން ލީޑުނެގިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ނޯއާ އޮކާފޯ ވަނީ މިލާނަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖަހައިފަ އެވެ.

ލެއްޗޭ ދަނޑުގައި ނަޕޯލީ މޮޅުވި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ޝްކިރީ އޮސްޓިގާޑް، ވިކްޓަ އޮސީމެން، ޖިއަންލޫކާ ގައެޓާނޯ އަދި މަޓެއޯ ޕޮލިޓާނޯ އެވެ.