Advertisement

މުއިއްޒު ގޮވާލެއްވީ ހަމަޖެހުން ނަގާނުލައި އެންމެން އެކަތިގަނޑަކަށްވާން

30 ސެޕްޓެންބަރު 2023 - 23:07 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މުއިއްޒު ގޮވާލެއްވީ ހަމަޖެހުން ނަގާނުލައި އެންމެން އެކަތިގަނޑަކަށްވާން

30 ސެޕްޓެންބަރު 2023 - 23:07 0

ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިފައިވާ މި ދަނޑިވަޅުގައި އުފާފާޅުކުރުމުގައި ވެސް ހަމަޖެހުން ގެއްލޭ ފަދަ ކަމެއް ނުކުރުމަށާއި ގައުމު އެކަތިގަނޑަކަށްވާން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސްކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އަންދާޒާ ކުރެވޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ ޖުމްލަ ވޯޓުގެ 54 ޕަސެންޓު ހޯއްދަވައިގެންނެނެވެ. 46 ޕަސެންޓު ވޯޓު ލިބިވަޑައިގެންނެވި ރައީސް އިބްރާހިމް މުަހައްމަދު ސޯލިހު މިހާރު ވަނީ ބަލިގަބޫލުކުރައްވައިފަ އެވެ.

އިންތިހާބުގެ ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް އޭނާގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ކޮންމެ މީހަކީ ވެސް ދިވެހި ރައްޔިތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެންވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންވޭ،" މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ވަރެއްގެ ހިތްވަރެއް ނުދެއްވުމަށް އަޅުގަނޑު އެދެން."

އުފާފާޅުކުރާ އިރު ވެސް ހަމަޖެހުން ގެއްލޭ ފަދަ ކަމެއް ނުކުރުމަށް އޭނާގެ ސަޕޯޓަރުންގެ ލިބައިން ވެސް މުއިއްޒު އެދިވަޑައިގަތެވެ.

މި ދަނޑިވަޅުގައި އެކިފަރާތްތަކުން ހަމަޖެހުން ގެއްލުވާލައި ގައުމުގެ ކުރިމަގު ބަނަކުރަން ބައެއް މީހުން އުޅޭނެ ކަމަށާއި އެކަމަށް ފުރުސަތު ނުދެއްވުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.

މިއަދުގެ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.