Advertisement

ކާމިޔާބަށް ފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގެޔަށް ބަދަލު ކުރަން

30 ސެޕްޓެންބަރު 2023 - 22:52 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: އަދަދު


ކާމިޔާބަށް ފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގެޔަށް ބަދަލު ކުރަން

30 ސެޕްޓެންބަރު 2023 - 22:52 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަމަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ގެއަށް ބަދަލުކުރައްވަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިރޭ ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާބަތުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދުގެ ނަތީޖާއަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އަދި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އަދަބުވެރިކަމާއި އިހްލާސްތެރިކަމާއެކު ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ރައީސަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމުގެ މަސްލަހަތަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ މަސްލަހަތު މާ ބޮޑުކަން ހަނދާންކޮށްދެއްވައި، މުއިއްޒު އެދިވަޑައިގަތީ ހަމަޖެހުން ދެމެހެއްޓުމަށެވެ. އުފާފާޅު ކުރާއިރު ވެސް ރިވެތި އަހުލާގުގެ ތެރެއިން އެކަން ކުރުމަށް އެދިވަޑައިގަތެވެ. އަދި ހަމަޖެހުން ގެއްލުވާލުމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަތެވެ.

ހުރިހާ ރައްޔިތުންނަށް ވެސް މުއިއްޒު ޝުކުރު ދެންނެވި އެވެ. އަދި ވިދާޅުވީ އަމާނާތްތެރި ކަމާއި ތެދުވެރިކަމާއެކު ދިވެހީންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށް ދެއްވާނެ ކަމަށެވެ.

އިންތިގާލީ މަރުހަލާގައި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަސާއި ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ފަހު އާ ސަރުކާރުގެ މަސައްކަތް ފަށާނީ ވަރަށް ބާރު ސްޕީޑުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒަށް 127000 ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108000 ވޯޓެވެ.