Advertisement

މުއިއްޒަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހު ބަލި ގަބޫލުކުރައްވައިފި

30 ސެޕްޓެންބަރު 2023 - 22:51 2

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު


މުއިއްޒަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހު ބަލި ގަބޫލުކުރައްވައިފި

30 ސެޕްޓެންބަރު 2023 - 22:51 2

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެ، ބަލި ގަބޫލުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އަންދާޒާ ކުރެވޭ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒެވެ. ރައީސް ސޯލިހުގެ މައްޗަށް އޭނާ ކުރި ހޯއްދެވީ، ޖުމްލަ ވޯޓުގެ 54 ޕަސެންޓު ހޯއްދަވައިގެންނެނެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒައަށް މަރްހަބާ ދަންނަވަން. އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވަން. އެކުގަ މަސައްކަތްކުރި އެމްޑީޕީ އާއި އޭޕީ ގެ މެމްބަރުން އަދި އަޅުގަޑަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ވާދަކުރެއްވީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ. އެހެންނަމަވެސް، ފުރަތަމަ ބުރުގައި މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު އެމްޑީއޭއިން ވަނީ އެ ކޯލިޝަން ރޫޅާލައި މުއިއްޒަށް ތާއީދުކުރަން ނިންމައިފަ އެވެ.

ދެވަނަ ބުރުގައި، އެމްޑީޕީގެ ތެރެއިން ފެކްޝަން އުފެދި އަލަށް ވުޖޫދަށް ގެނައި ދަ ޑިމޮކްރެޓްސް ޕާޓީން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރާނެ ކަމަށް ބެލެވުނަސް އެ ޕާޓީން ނިންމީ އެއްވެސް ކޮޅަކަށް ތާއީދު ނުކުުރުމަށެވެ. ރައީސް ސޯލިހު ހޮވަން 2018 ވަނަ އަހަރު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީން ވެސް ނިންމީ އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ.

ފުރަތަމަ ބުރުގައި ވާދަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްވެސް ކޮޅަކަށް ތާއީދު ކުރަން ނިންމާފައި ވަނީ ހަމައެކަނި އެމްއެންޕީއިންނެވެ. އެ ޕާޓީން މިހާރު ވަނީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދައިފަ އެވެ.