Advertisement

ޖެހިޖެހިގެން ސަރަހައްދީ ތިން މުބާރާތުގެ ފައިނަލުގައިވެސް ދިވެހި ރެފްރީން

30 ސެޕްޓެންބަރު 2023 - 14:43 2

ނޭޕާލްގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރެފްރީކަންކުރާ ދިވެހި ރެފްރީ އަލީ ނަދީމް އަދި އެސިސްޓަންޓް ރެފްރީ ހުސައިން ޝަހީމް.


ޖެހިޖެހިގެން ސަރަހައްދީ ތިން މުބާރާތުގެ ފައިނަލުގައިވެސް ދިވެހި ރެފްރީން

30 ސެޕްޓެންބަރު 2023 - 14:43 2

ހަތަރު މަސްތެރޭގައި ކުރިއަށްދިޔަ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުގެ ތިން ފައިނަލުންވެސް ރާއްޖޭގެ ރެފްރީންނަށް ފުރުސަތު ލިބިއްޖެ އެވެ.

މިދިޔަ ޖުލައި މަހު އިންޑިއާގައި ނިމުނު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާއި، މަހު ނިމުނު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން، މިއަދު ކުޅޭ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ދިވެހި ރެފްރީން ފެންނާނެ އެވެ.

އިންޑިއާ އާއި ކުވެއިތު ވާދަކުރި ސާފް ޗެމްޕިއަންޝިޕްގެ ފަސްޓް އެސިސްޓަންޓް ރެފްރީކަންކުރީ ރާއްޖޭގެ އޭއެފްސީ އެލީޓް ރެފްރީ އަހުމަދު ހަސަން އެވެ. ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރި 16 އަހަރުން ދަށުގެ ފައިނަލުގައި ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ ޒަހީރު ހުސެއިން އާއި ރައީފް ރައުފް ހަރަކާތްތެރިވި އެވެ.

މިއަދު ޕާކިސްތާނާއި އިންޑިއާ ވާދަކުރާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ރެފްރީ އަކީ ރާއްޖޭގެ އަލީ ނަދީމް އެވެ. އަދި އެސިސްޓަންޓް ރެފްރީ އަކީ ހުސައިން ޝަހީމް އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރެފްރީން އަންނަނީ ސަރަހައްދީ ލެވެލްގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. މި އަހަރު ފާހަގަކޮށްލެވެނީ ސަރަހައްދީ ގިނަ މުބާރާތްތަކެއްގައި ދިވެހި ރެފްރީންނަށް ފުރުސަތު ލިބުނު އަހަރެއްގެ ގޮތުގަ އެވެ.

ގިނަ ފައިނަލްތަކެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ދިވެހި ރެފްރީންނަށް ލިބެމުން އަންނައިރު، އިންވިޓޭޝަނަލް މުބާރާތްތަކުން ވެސް ދިވެހި ރެފްރީންނަށް ފުރުސަތުތައް ފަހިވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

އެ ގޮތުން މި އަހަރުގެ މާޗު މަހު ނޭޕާލްގައި ކުރިއަށްދިޔަ ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގައިވެސް ރާއްޖޭގެ ސީނިއާ ހަތަރު ރެފްރީއަކަށް ފުރުސަތު ލިބުނެވެ. ނޭޕާލާއި ބޫޓާން އަދި ލާއޯސް ވާދަކުރި މުބާރާތުން ފުރުސަތު ލިބުނު ރެފްރީންނަކީ އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް، އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން، އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހު އެވެ.