4 އޮގަސްޓު 2025 - 09:30 0
4 އޮގަސްޓު 2025 - 09:30 0
ހަނޯއި، ވިއެޓްނާމް (އޮގަސްޓް 4) - ވިއެޓްނާމްގެ ފުޓްބޯޅަ ފެޑެރޭޝަން (ވީއެފްއެފް) އިން ކުރިއަށްގެންދިޔަ ފިޓްނަސް ޓެސްޓުގެ ތެރެއިން، ސިއްހީ ހާލަތު ގޯސްވި، އެ ގައުމުގެ މަޝްހޫރު ރެފްރީ، ޓްރަން ދިން ތިން އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އުމުރުން، 43 އަހަރުގެ ރެފްރީ ޓްރަން، ހޭނެތިގެން ވެއްޓުނީ، އިއްޔެ ކުރިއަށްދިޔަ، ވިއެޓްނާމްގެ ފުޓްބޯޅަ ސީޒަންގެ ކުރިން ބޭއްވި ފިޓްނަސް ޓެސްޓްގެ ތެރެއިންނެވެ. ފިޓްނަސް ޓެސްޓް ނިމެން ކައިރިވެފައި ވަނިކޮށް، ނޭވާލާން އުނދަގޫވެގެން، ޓްރަން ވަނީ ޓްރެކު މައްޗަށް ވެއްޓިފަ އެވެ. އެއާ އެކު، އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، މަރުވީ އެވެ.
ވިއެޓްނާމް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، ރެފްރީންގެ ފިޓްނަސް ޓެސްޓް ހެނދުނު ވަގުތު ކުރިއަށްގެންދަން ހަމަޖެއްސީ ވެސް އެ ނޫން ވަގުތެއްގައި ކުރިއަށްގެންދިޔަނަމަ، ހޫނުމިނުގެ އަސަރުކޮށްގެން އުނދަގޫވެދާނެތީ ކަމަށެވެ. އަދި، ޓްރަން އަށް ދިމާވި މެޑިކަލް މައްސަލައިގެ ތެރޭގައި، ފެޑެރޭޝަނުން ވީ އެންމެ އަވަހަށް މަސައްކަތްތައް ކޮށް، އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ޑޮކްޓަރުންގެ އެންމެ ރަނގަޅު ފަރުވާ ދޭން މަސައްކަތް ކުރި ނަމަވެސް، ޓްރަންގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.
"މިއީ ވިއެޓްނާމް ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ދެރައެއް. ޓްރަން އަކީ ހަމައެކަނި މަސައްކަތް ކުރަމުން އައި ރެފްރީއެއް ނޫން. މުޅި ފުޓްބޯޅަ ކޮމިއުނިޓީގެ އިހުތިރާމް ލިބި، ގިނަ އެހެން ރެފްރީން މިސާލެއްގެ ގޮތުގައި ނަގާ ފަރާތެއް،" ވިއެޓްނާމް ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވެ އެވެ.
ޓްރަން އަކީ މިދިޔަ ދެ އަހަރު ވެސް ވިއެޓްނާމް ފެޑެރޭޝަނުން ހޮވި އެންމެ ރަނގަޅު ރެފްރީންގެ އެވޯޑް ހާސިލް ކުރި ފަރާތެކެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި، ސިލްވާ ވިސްލް އެވޯޑް ހޯދިއިރު، އޭގެ ކުރިން ސީޒަނުގައި، ބްރޯންޒް ވިސްލް އެވޯޑް ހާސިލްކޮށްފައިވެ އެވެ.
އިއްޔެ ކުރިއަށްދިޔަ ފިޓްނަސް ޓެސްޓްގައި، ހަ ރެފްރީ އަކު، ޓެސްޓުން ފާސްނުވާ ކަމަށް ވިއެޓްނާމް ފެޑެރޭޝަނުން ބުނެފައިވެ އެވެ. އަދި، އަލުން ޓެސްޓްތައް ހެދުމަށް ހަމަޖެހިފައިވަނީ ބްރޭކަކަށް ފަހު އެވެ. މި ޓެސްޓްތަކަކީ، ވިއެޓްނާމް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ކޮންމެ އަހަރަކު، ރެފްރީން ފުރިހަމަކުރާ ޓެސްޓްތަކެކެެވެ.
Comment