Advertisement

ފާލުބަލާ މީހެއް ކައިރިއަށް ދިޔަ ކަމަށް ބުނާތީ އިންޑިއާ ކޯޗު ސްޓިމަކް ރަތަށް

29 ސެޕްޓެންބަރު 2023 - 10:54 0


ފާލުބަލާ މީހެއް ކައިރިއަށް ދިޔަ ކަމަށް ބުނާތީ އިންޑިއާ ކޯޗު ސްޓިމަކް ރަތަށް

29 ސެޕްޓެންބަރު 2023 - 10:54 0

ހަންގްޒޫ، ޗައިނާ (ސެޕްޓެމްބަރު 29) - އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް، ޓީމުގެ ބައެއް ކަންކަން ނިންމުމަށް ފާލުބަލާ މީހެއްގެ އެހީ ހޯދި ކަމަށް އިންޑިއާ މީޑިއާގައި ވާހަކަ ދެކެވޭތީ އެ ކަމާ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފި އެެވެ.

އޭޝިއަން ގޭމްސްގެ ގަދަ 16 ބުރުން ސައުދީ އަރަބިއްޔާ އަތުން 2-0 އިން ބަލިވެ، އިންޑިއާ .މުބާރާތުން ކެޓި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް، 56، ވަނީ އޭނާ އާއި ފާލުބަލާ މީހަކާ ގުޅުވައިގެން ދައްކަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

މި މަހުގެ ކުރީކޮޅުގައި އިންޑިއާގެ ނޫހަކުން ރިޕޯޓްކުރި ގޮތުގައި ސްޓިމަކް ވަނީ އިންޑިއާ ޓީމުގެ ކުޅުންތެރިންގެ ޕާފޯމަންސް ޗާޓުތަކެއް ހިފައިގެން ފާލުބަލާ މީހެއް ކައިރިއަށް ގޮސް، ޓީމުގެ ސްކޮޑު ނަަގަން އެހީހޯދައިފަ އެވެ.

މި ހުރިހާ ވާހަކައެއް ސްޓިމަކް ދޮގުކުރެ އެވެ.

"އަހަރެން ބަރޯސާވަނީ އަމިއްލަ މަސައްކަތަށް، ދަސްވެފައި ހުރި ކަންކަމާއި ލިބިފައިވާ ތަޖުރިބާ އަށް. ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅުމަށް، ތިބުނާ މީހެއް ނޫނީ ބަޔަކަށް ނޫން،" 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަށް ކުޅުނު ސްޓިމަކް ބުންޏެވެ.

އިންޑިއާ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވި ސްޓިމަކް މިހާރު އަންނަނީ ކުރިއަށް އޮތް އޭޝިއަން ކަޕަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމަކު، މި ފަހަރުގެ އޭޝިއަން ކަޕަށް އިންޑިއާގެ ރަނގަޅު ކުޅުންތެރިން ދޫކުރަން ކްލަބްތަކުން ބޭނުންނުވުމާއި ފާލުބަލާ މީހެއްގެ ވާހަކަ މި ފެތުރެމުން އަންނަ ގޮތުން ސްޓިމަކްގެ ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

ސްޓިމަކް ވަނީ އިންޑިއާ ޓީމުގެ ކޯޗަކަށް ދެމިހުންނާނެތޯ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ބުނެފަ އެވެ.

"ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ނިންމާނަން، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް އެނގޭނެ އަހަރެން ބޭނުންވާ ކަންކަން، މި އުޅެނީ ފައިސާ ބޭނުންވެގެނެއް ނޫން. މި އުޅެނީ އިންޑިއާގެ ފުޓްބޯޅަ ކުރިއަށް ގެންދެވޭތޯ ލެވަލް މައްޗަށް ގެންދަން މަަސައްކަތް ކުރަން. އެއަށް ބޭނުންވާ ކަންކަން ފުރިހަމަނުވެ، މި މަގާމުގައި ހުުރުމުގެ މާނައެއް ނެތް،" ސްޓިމަކް ބުންޏެވެ.

"ހަތަރު އަހަރާއި ބައި، މިއީ އަހަރެން އެކި މީހުންނަށް ވިސްނައިދޭން ހޭދަވި މުއްދަތު، ދެން އިތުރަށް މި ކަން ކުރެވިދާނެތޯ، އެއީ ސުވާލަކީ. އެއް މިސްރާބެއްގައި ނޫން ގޮތަކަށް މަސައްކަތެއް ނުކުރެވޭނެ،"

ގަތަރުގައި އަންނަ ޖެނުއަރީ މަހު ބާއްވާ އޭޝިއަން ކަޕްގައި އިންޑިއާ ހިމެނެނީ އުޒްބެކިސްތާން، އޮސްޓްރޭލިއާ އަދި ސީރިއާއާ އެއް ގްރޫޕެއްގަ އެވެ.