Advertisement

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކްރިކެޓް ޓީމަށް ތާރީހީ މޮޅެއް

29 ސެޕްޓެންބަރު 2023 - 01:51 0

އޭޝިއަން ގޭމްސްގައި މޮންގޯލިއާ އަތުން މޮޅުވުމަށްފަހު ގައުމީ ކްރިކެޓު ޓީމްގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު/އެމްއޯސީ


އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކްރިކެޓް ޓީމަށް ތާރީހީ މޮޅެއް

29 ސެޕްޓެންބަރު 2023 - 01:51 0

މޮންގޯލިއާ ބަލިކޮށް އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރިކެޓް ޓީމުން މޮޅެއް ހޯދައިފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓު ޓީމުން ވާދަކުރިއިރު، ދެ ފަހަރުވެސް ގްރޫޕް ސްޓޭޖު ނިންމާލީ މޮޅެއް ނުލިބި އެވެ. އެ ގޮތުން 2010 ގައި ނޭޕާލް އާއި ހޮން ކޮންގް އަތުން ބަލިވިއިރު، 2014ގައި ބަލިވީ ނޭޕާލް އާއި ކުވެއިތު އަތުންނެވެ.

އެހެން ނަމަވެސް މިހާރު ޗައިނާގެ ހަންޒޫގައި ކުރިއަށްދާ ގޭމްސްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމުން ވަނީ މޮންގޯލިއާ ނުވަ ވިކެޓުން ބަލިކޮށް ތާރީޚީ މޮޅެއް ހޯދައިފަ އެވެ.

މިއަދުގެ މެޗުގެ ޓޮސް ދިމާވުމުން ރާއްޖެއިން ގަސްތުކުރީ ހޮވާށެވެ. މޮންގޯލިއާއިން ކުޅެން އަރައި 20 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 15 ލަނޑު ހެދި ދަވާސުރެން ޖަމްޔަންސުރެން އެވެ. އޭނާ ފިޔަވައި އެހެން ކުޅުންތެރިއަކަށް މި އިނިންގްސްގައި ދިހަ ލަނޑަށްވުރެ ގިނައިން ނުހެދެ އެވެ.

މި އިނިންގްސްގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އޯލްރައުންޑަރު އާޒިން މުހައްމަދު ރަފީގު އެވެ. އޭނާ ވަނީ ހަތަރު އޯވަރުގައި ދިހަ ލަނޑަށް ތިން ވިކެޓު ނަގައިފަ އެވެ. މީގެ އިތުރުން މުހައްމަދު ރަޔާން ތޮލާލް ވަނީ ހަތަރު އޯވަރުގައި ހަތް ލަނޑަށް ދެ ވިކެޓު ނަގާފަ އެވެ.

އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެ އާއި މޮންގޯލިއާ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އިސްމާއިލް ތޯރިގް/އެމްއޯސީ


ރާއްޖޭގެ ޓީމު ކުޅެން އަރާ އެންމެ ހަ އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 62 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. ރާއްޖޭގެ ޓީމުން އެންމެ ގިނަ ލަނޑު ހެދީ ނުބައިނުވެ 16 ބޯޅައިން 24 ލަނޑު ހެދި އާޒިން އެވެ. މީގެ އިތުރުން ކެޕްޓަން ހަސަން ރަޝީދު ނުބައިނުވެ، 14 ބޯޅައިން 21 ލަނޑު ހެދި އެވެ.

މި މެޗު އެންމެ ހާއްސަވާ އެއްކަމަކީ މިމެޗަކީ ރާއްޖޭގެ ސީނިއާ ޓީމުގެ މުހިންމު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ނުހިމަނައި ގައުމީ ޓީމް ނުކުތް މުބާރާތަކުން ހޯދި މޮޅަކަށް ވުމެވެ. ގައުމީ ސީނިއާ ޓީމްގެ ކުޅުންތެރިން މިވަގުތު ތިބީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިން ކުޅުމަށް ގަތަރުގަ އެވެ. އެއް ތާރީހެއްގައި ދެ މުބާރާތް އޮންނާތީ އޭޝިއަން ގޭމްސްގައި ވާދަކުރަނީ ރާއްޖޭގެ ދެ ވަނަ ޓީމެވެ.

އަނެއްކޮޅު އޭޝިއަން ގޭމްސްގައި މޮންގޯލިއާ އަތުން މޮޅުވި މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ މެޗެއްގައި ކުޅެފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ މުއާވިޔަތު އަބްދުލްޣަނީ އާއި އިސްމާއިލް ނަޒްވާން ބަދީއުު އެވެ.

އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓް ޓީމް ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މީގެ ކުރިން 2010 އަދި 2014ގެ އޭޝިއަން ގޭމްސްގައި ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. ނޭޕާލް އަކީ މިވަގުތު އޭޝިއާ ސަހަރައްދުގެ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.