Advertisement

މުއިއްޒު ހޮވިއްޖެ ނަމަ ވެރިކަމުގެ ނިޒާމުގައި ގޭންގުތައް ހަރަކާތްތެރި ވާނެ: މާޒު ސަލީމް

28 ސެޕްޓެންބަރު 2023 - 22:50 8

މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭނު ޖަލްސާގައި މާޒު ސަލީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުއިއްޒު ހޮވިއްޖެ ނަމަ ވެރިކަމުގެ ނިޒާމުގައި ގޭންގުތައް ހަރަކާތްތެރި ވާނެ: މާޒު ސަލީމް

28 ސެޕްޓެންބަރު 2023 - 22:50 8

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގެންފި ނަމަ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޑްރަގުގެ ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު، އަހުމަދު ސަލީމް (މާޒު ސަލީމް) ވިދާޅުވެއްޖެ އެވެ.

މާލޭގައި ހުރި އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި މާޒު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމަށް އޭނާ ވަޑައިގަތީ ވަޒީފާއެއް، މަގާމަކަށް އެދިގެން ނޫން ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އެންމެންނަށް މަޖުބޫރުވެފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ވެރިން ޖަލަށްލި ކަމަށާއި ޖަލަށް ލާނެ މީހަކު ނެތިން އެއްބަނޑު ބޭބެ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވެސް ދަންވަރުގައި ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ވެރިކަމުގެ ނިޒާމުގެ ތެރެޔަށް ޑްރަގުގެ ގޭންގުތަކެއް ހޯރަ އަޅަމުން އެބަ އާދޭ. ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގުގެ ގޭންގުތައް އައިސް ފައި ހިއްޕާލާތީ އަޅުގަނޑު މިތަނަށް މިއައީ، އެ ވާހަކަ ތިބޭފުޅުންނާ ހިއްސާކުރަން ވެގެން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރި ޕޮޒިޝަންގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް މިފަދަ އަނިޔާއެއް ވާން އަންނައިރުގައި އަޅުގަނޑުގެ ވާޖިބެކޭ އެ ވާހަކަ ރައްޔިތުންނަށް ދެންނެވުމަކީ."

ސަލީމް ވިދާޅުވީ ރައީސް ސޯލިހަކީ އަނިޔާވެރިކަމާއި ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމަށެވެ. އަނިޔާވެރިކަން އިޔާދަކުރަން ބޭނުން ނުވާނަމަ އިންތިހާބުގައި މިސްޓޭކެއް ނުހެދުމަށް އެދިވަޑައިގެންނެވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ފަހަތުން ފެންނަނީ ގޭންގުތައް ކަމަށާއި ކެމްޕޭނަށް ހަރަދުކުރަނީ، އަދި ދުއްވާ ލޯންޗުތަކަކީ ވެސް ގޭންގުތަކުގެ އުޅަނދު ކަމަށް ސަލީމް ވިދާޅުވި އެވެ.

"މިއީ ވިސްނާލަންޖެހޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޭންގުތަކުގެ ނުފޫޒު އޮތް މިންވަރު ހާމަކޮށް ދިނުމުގެ ގޮތުން ސަލީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ވެސް ގޭންގުތަކުން ބޭނުންވާ މީހަކު ލާން މަސައްކަތް ކުރި ކަމަށެވެ.

"އެ ސަރުކާރެއް މިއަދު އައިސްފިއްޔާ ކާކުތޯ ޒިންމާ ނަގާނީ. މިއީ ވަރަށް ސީރިއަސް ވާހަކަ އަޅުގަނޑު މި ދެންނެވީ. އެ މީހުންގެ ރޭވުން ހުރީ އެ ގޮތަށް މުޅި ސަރުކާރުގެ ތެރެއަށް ކަޅު ވިލާގަނޑު ވައްދަން،" ސަލީމް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރު ދެކެ ބަޔަކު ބިރު ގަންނަނީ ޑްރަގު ބޯޓުތައް ހިފަހައްޓާތީ އާއި ކަނޑުގެ ސަރަހައްދު މޮނިޓާ ކުރާތީ ކަމަށް ސަލީމް ވިދާޅުވި އެވެ.