Advertisement

އިދިކޮޅުން ދޮގުފެތުރުމުގެ ކެމްޕޭނެއް ރާވަމުންދާ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި

28 ސެޕްޓެންބަރު 2023 - 22:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭނުގައި : އިދިކޮޅުން ދޮގުފެތުރުމުގެ ކެމްޕޭނެއް ރާވަމުންދާ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިދިކޮޅުން ދޮގުފެތުރުމުގެ ކެމްޕޭނެއް ރާވަމުންދާ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި

28 ސެޕްޓެންބަރު 2023 - 22:21 1

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއް ރާވަމުންދާ ކަމަށް ބުނެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ކޯލިޝަނުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިދިކޮޅުގެ މި ކެމްޕޭނުގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުން ކަމަށެވެ.

އަދި މިއީ އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުން އިންތިހާއަށް ކަންބޮޑުވާކަމެެއް ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާގެން އެންޓިކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަން މިފުރުސަތުގައި ފާހަގަކުރަން، ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއްނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށްނަގަން މަސައްކަތްކުރުމަކީ ވަރަށް ދަަށުދަރަޖައިގެ ފިނޑިއަމަލެއް"

އަދި، މިފަދައިން ރާވައިގެން ހިންގާ މިފަދަ 'މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ' ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާަތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށްވެސް ސަރުކާރު ކޯލިޝަނުން ބުނެފައިވެ އެވެ.

މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށްވެސް އެމްޑީޕީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިދިކޮޅުން ސަރުކާރާ ގުޅޭގޮތުން ފަތުރަމުންދާ ކަމަށް ސަރުކާރުން ބުނާ ދޮގު ވާހަކަތަކަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބީގެ އެއް ސަބަބުން ކަމަށް އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވި އެވެ. އަދި ދެވަނަ ބުރުގައި އެކަންކަމަށް ރައްދުދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.