28 ސެޕްޓެންބަރު 2023 - 22:12 1
މުހައްމަދު ނަސީމް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ ޝާހިދު
28 ސެޕްޓެންބަރު 2023 - 22:12 1
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވެ، ވާދަވެރި ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިންތިހާބު ވެއްޖެ ނަމަ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޫކުރި ގޯތިތައް އަތުލާނެ ކަމުގެ ކަންބޮޑުވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ފާޅުކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން މާލޭގައި މިރޭ ބޭއްވި ޖަގަހަޖަލްސާގައި ޝާހިދު ވިދާޅުވީ މާލޭ މީހުންނަށް މިހާރު ގޯތިދީފައިިވާ ތަންތަނަކީ ގޯތިދޭން ކަމުދާ ތަންތަން ނޫން ކަމަށް ޕީޕީއެމް ބުނަމުންދާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މާލެއާ އެތަނަކާ ދެމެދު ފުޅާ ކަނޑުއޮޅިއެއް އޮތް "މާދިއްގަރު" (ފުށިދިއްގަރު) ފަޅެވެ.
"ތިޔަ ބޭފުޅުންނަށް މި ގޯތި، ބިން ކަނޑައި ރަޖިސްޓްރީ ހަވާލުކޮށްފައި އޮތަސް މިހާރު ޕީޕީއެމުން ދައްކަނީ ތަފާތު ވާހަކައެއް. މިހާރު ބުނަމުން އަންނީ މި ސަރަހައްދަކު ނޫނޭ މާލޭގެ ރައްޔިތުން އުޅެންވީ، މާލޭގެ ރައްޔިތުން އުޅެންވީ މި ވާދޫކަނޑު ހުރަސްކޮށްފައި ގޮސް މިއޮތް މާދިއްގަރު ފަޅުތެރޭގައި ތިމަންމެން ހިއްކާ ތަނެއްގައޭ،" ޝާހިދު ވިދާޅުވި އެވެ.
މުއިއްޒަކީ ގުޅިފަޅުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފްލެޓް އަޅާފައި ފްލެޓް ދިން މީހުންގެ އަތުން އެތަންތަން އަތުލި ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. މާލޭގެ ރައްޔިތުންނަށް މިހާރު ދީފައިވާ ގޯތިތައް މުއިއްޒު އަތުނުލައްވާނެ ކަމަށް ނުވިސްނަންވީ ސަބަބެއްގެ ގޮތުގައި ޝާހިދު ދެއްކެވީ ގުޅިފަޅަށް ވީގޮތެވެ.
"[ގޯތިތައް] އަތުލާނެ ކަމަށް ޔަގީންކުރައްވާ އެބޭފުޅުން ވަޑައިގެންފިއްޔާ ތިޔަ ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ މި ވާދޫކަނޑު ހުރަސްކޮށްފައި އޭގެ އެކޮޅުމަތީގައި" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޯތިތައް އޮންނާނެކަން ކަށަވަރުކުރެވޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދެއްވައި އެމަނިކުފާނު އިންތިހާބު ވެގެން ކަމަށެވެ.
Comment