28 ސެޕްޓެންބަރު 2023 - 22:11 0
28 ސެޕްޓެންބަރު 2023 - 22:11 0
ފޯޓް ލޮޑަޑޭލް (ސެޕްޓެމްބަރު 28) - ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި ހިއުސްޓަން ޑައިނަމޯ އަތުން 2-1 އިން އިންޓަ މިއާމީ ބަލިވެއްޖެ އެވެ.
މި މެޗުގައި އަނިޔާގެ ސަބަބުން އިންޓަ މިއާމީ ތަރި ލިއޮނެލް މެސީ ނުކުޅެ އެވެ.
މެސީގެ އިތުރުން ސްޕެއިންގެ ޑިފެންޑަރު ޖޯޑީ އަލްބާ ވެސް އަނިޔާގެ ސަބަބުން މި ފައިނަލްގައި އިންޓަ މިއާމީ ޓީމަށް ނުކުޅެވުނެވެ. މި ދެ ކުޅުންތެރިން ނުލައި، އިންޓަ މިއާމީ އަށް ހިއުސްޓަންގެ ޓީމުގެ މައްޗަށް ކުރި ހޯދަން ދަތިވިއެވެ.
ހިއުސްޓަން އިން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 24 ވަނަ މިނިޓުގައި އެ ޓީމުން ލީޑު ނެގީ ގްރިފިން ޑޯސީ ޖެހި ލަނޑުންނެވެ. އަދި މެޗުގެ 33 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ދެ ވަނަ ލަނޑު ޖެހީ އަމީނޭ ބާސީ އެވެ.
އިންޓަ މިއާމީގެ ޖޯސެފް މާޓިނޭޒް މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖެހި ނަމަވެސް، އޭރު މެޗުގައި ބާކީ އޮތް ކުޑަ ވަގުތުކޮޅެކެވެ.
މިދިޔަ ހަފުތާގައި ޓޮރޮންޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ އަނިޔާވެގެން ބާލައިފަ އެވެ. މެސީ އަށް ލިބުނު އަނިޔާގެ މާ ބޮޑު ތަފްސީލެއް ހާމަނުކުރި ނަމަވެސް، އިންޓަ މިއާމީގެ ކޯޗު ޖެރޭޑޯ މާޓިނޯ ބުނީ "އެއީ ކުރިން ލިބިފައިވާ އަނިޔާގެ" ސަބަބުން މެސީ އަށް ދިމާވި މައްސަލައެއް ކަމަށެވެ.
ފައިނަލް މެޗަށް ފަހު މާޓިނޯ ބުނީ އެމެރިކާ ލީގު ނިމުމުމުގެ ކުރިން މެެސީ އެނބުރި ދަނޑަށް ނުކުންނާނެ ކަމަށެވެ. އެމެެރިކާ ލީގު ނިމޭނީ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެއަށް ފަހު ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އޮންނާނީ ޕްލޭ-އޮފް މެޗުތަކެވެ.
"ހަމަ ގައިމުވެސް ލީގު ނިމުމުގެ ކުރިން މެސީ ކުޅެން ނުކުންނާނެ. މެޗަކަށް ފަހު މެޗެއް ބަލާފައި، މެޑިކަލް ޓީމުގެ ލަފަޔާއެކު މެސީ އަލުން ކުޅެން ނެރޭނީ،" މާޓިނޯ ބުންޏެވެ.
މެސީ ނެތި އިންޓަ މިއާމީ ކުޅުނު މެޗުތަކުގައި ނަތީޖާ ނެރެވިފައިނުވެ އެވެ.
Comment