Advertisement

އެފްއޭއެމްގެ މާލީ މައްސަލަތައް އިތުރުވާއިރު ހައްލެއް ނުފެނޭ!

28 ސެޕްޓެންބަރު 2023 - 15:26 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެފްއޭއެމްގެ މާލީ މައްސަލަތައް އިތުރުވާއިރު ހައްލެއް ނުފެނޭ!

28 ސެޕްޓެންބަރު 2023 - 15:26 2

ވެލިގާ ހާޑްވެއާ އަށް އެއް ލައްކަ އަށް ވުރެން ގިނަ ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ، އެފްއޭއެމުން ލާރި ދައްކަން ފާއިތުވި މަހެއްހާ ދުވަސްތެރޭ ސިވިލް ކޯޓު ހުކުމެއް އައި ދެ ވަނަ ފަހަރެވެ.

އެފްއޭއެމްގެ މައްޗަށް މިދިޔަ މަހު، ސިވިލް ކޯޓުން ވަނީ އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 10 ދުވަސް ތެރޭގައި ދެ ލައްކަ ޑޮލަރު ދައްކަން ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި އެފްއޭއެމުން ކޯޓުގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ވަނީ އެނގިފަ އެވެ.

އެފްއޭއެމްގެ މަސައްކަތްތަކަކަށް ނަގާފައިވާ މުދަލަށް ފައިސާ ދައްކާފައި ނުވާތީ ވެލިގާ ހާޑްވެއާއި އިން އެ މައްސަލަ ކޯޓަށް ހުށަަހަޅައި އެދިފައިވަނީ 171،850.10 ރުފިޔާ އެއް ފަހަރާ ލިބޭ ގޮތް ހޯދުމަށެވެ. އަދި ވެލިގާ އިން ވަނީ ޝަރީއަތުގެ ހަރަދަށް އެފްއޭއެމް އަތުން 15،000 ރުފިޔާ ހޯދަން ވެސް ހުށަހަޅައިފަ އެވެ.

އެކަމަކު، މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު، ދެ ފަރާތުގެ ކަންކަން އަޑުއެހުމަށް ފަހު ހުކުމް ކުރެއްވީ ވެލިގާ ހާޑްވެއާ އަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެއް އަހަރު ތެރޭ ބަހާލައިގެން ކޮންމެ މަހަކު ވަކިވަރެއް ދައްކާ ގޮތަށް ހެދުމަށެވެ. އަދި މީގެ އިތުރުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގާނީ 5،000 ރުފިޔާ ކަމަށެވެ.

ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރި އެ ހުކުމްގައި އަންގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު 25ގެ ނިޔަލަށް އެފްއޭއެމުން ކޮންމެ މަހަކު މަދުވެގެން 14،729.71 ރުފިޔާ ކޯޓަށް ދެއްކުމަށެވެ. މި ގޮތަށް ނިންމީ އެފްއޭއެމްގެ މާލީ ހާލަތަށް ބެލުމަށް ފަހު އެވެ.

މާލީގޮތުންނާއި އިދާރީ ގޮތުން ވެސް މައްސަލަ ބޮޑުވެ، އަޑިގަނޑެއްގެ ތެރޭގައި އެފްއޭއެމް އޮތްއިރު، އެ އެސޯސިއޭޝަނާ ގުޅޭ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ގިނަ މައްސަލަތަކެއް އޮތީ ކޯޓު މަރުހަލާގަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ ބައެއް މުވައްޒަފުން ވަޒީފާ އިން ކެނޑިގެން ގޮސްފައިވާއިރު، މިހާރު އެ ތަނުގައި ތިިބި ބައެއް މުވައްޒަފުންނަށް ވެސް މުސާރަ ނުލިބޭތާ ގިނަ މަސްތަކެއް ފާއިތުވެއްޖެ އެވެ.

އެފްއޭއެމްގެ މުސާރަ މައްސަލަތައް ފީފާގެ ސަމާލުކަމަށް ގެނައުމަށް، "ސޭވް އެފްއޭއެމް" ކެމްޕެއިން ޓީމުގެ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ޖުލައި މަހު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެފްއޭއެމަށް މިއީ މާލީގޮތުން ދަތި އުނދަގޫ ވަގުތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އެ ހުރި މާލީ ގޮންޖެހުންތަކަށް ހައްލުތަކެއް އަންނަން ފަށާނެ ކަމަށް ބައްސާމް އޭރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މި ފަހުން ފެންނަމުންދާ ކަންކަމަށް ބަލާއިރު، އެފްއޭއެމްގެ މައްސަލަތަކަށް ހައްލެއް އަންނަތަން ނުއެއް ފެނެ އެވެ.