Advertisement

މެންބަރު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފި

28 ސެޕްޓެންބަރު 2023 - 14:46 2

ނިމާ ހަސަން

ނިމާ ހަސަން

މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް; އޭނާ ވަނީ މިއަދު އެމްޑީޕީން ވަކިވެފައި -- ފޮޓޯ: މަޖިލިސް


މެންބަރު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފި

28 ސެޕްޓެންބަރު 2023 - 14:46 2

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޯމަތިވެފައި ވަނިކޮށް, މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

މެންބަރު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވީ އޭނާއަށް ގަބޫލުކުރެއްވޭ އުސޫލުތައް އެޕާޓީގައި މިހާރު ނެތް ކަމަށް ވިދާޅުބވަމުންނެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި ހައިތަމް ވިދާޅުވީ ޕާޓީއާ ގުޅިވަޑައިގެންނެވީ "އިންސާފުގެ ދަތުރުގެ ބައިވެރިއެއް"ގެ ގޮތުގައި ކަމަށެވެ. އެޕާޓީގައި ހޭދަކުރެއްވި މުއްދަތުގައި ރައްޔިތުންގެ ހައްގުތައް ހޯއްދަވައިދެއްވަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެތައް މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައްލު ހޯދަން ރައްުޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެއްވި ހަތަރު މައްސަލައެއް ސިޓީގައި އޭނާ ފާހަގަކުރެއްވި އެވެ. އެއީ:

  1. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ
  2. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ވެންޓިލޭޓަރުތަކެއް ގެންނަން ފައިސާ ދެއްކުމަށް ފަހު ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަ.
  3. ނެޝަނަލް ޑްރަގް އެޖެންސީ އިސްލާހުކުރުމުގެ މައްސަލަ
  4. ރާއްޖޭގައި ސިއްހީ ފަރުވާ ލަސްވުމުގެ މައްސަލަ

ސިޓީގައި ހައިތަމް ތުހުމަތުކުރެއްވި ގޮތުގައި އެ މައްސަލަތައް ހައްލުުކުރަން އެމްޑީޕީގެ ލީޑަޝިޕްގެ އެއްބާރުލުން އެކަށީގެންވާ ގޮތަކަށް އޭނާއަށް ލިބިވަޑައެއް ނުގަންނަވަ އެވެ.

"...،މި މައްސަލަތަކަކީ ސީދާ ދިވެހިރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މުހިއްމު ކަންތައްތަކަށް ވީހިނދު، އަދި ވެރިކަންކުރާ މައިޕާޓީ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވީ ހިނދު މިކަންކަމަށް ރަނގަޅު އަހަންމިއްޔަތުކަމެއް ދެވި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އަަޅުގަނޑަށް ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އެމްމެ ފުރިހަމަ އެއްބާރުލުމެއް ލިބިފައިނުވާކަން ހިތާމައާ އެކު ފާހަގަކުރަމެވެ،" ސިޓީގައި ހައިތަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް, އެމްޑީޕީއަށް ނިސްބަތްވާ ދެ މަޖިލިސް މެންބަރު ވަނީ އެ ޕާޓީން ވަކިވެފަ އެވެ. ދެން އެ ޕާޓީން ވަކިވީ, ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ ވަނީ އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.

މީގެ އިތުރުން މި އަހަރު މޭ މަސް ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރުން ވަނީ އެ ޕާޓީން ވަކިވެ, ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދާފަ އެވެ.