28 ސެޕްޓެންބަރު 2023 - 14:26 0
ނަޕޯލީ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
28 ސެޕްޓެންބަރު 2023 - 14:26 0
މިލާން (ސެޕްޓެމްބަރު 28) - އިޓާލިއަން ލީގުގައި އޭސީ މިލާނާއި ނަޕޯލީ އިން މުހިންމު މޮޅެއް ހޯދިއިރު، ސީޒަންގައި ފުރަތަމަ ފަހަރަށް އިންޓަ މިލާން ބަލިވެއްޖެ އެވެ.
މިލާން ރޭ މޮޅުވީ ކަލިއަރީ އަތުން 3-1 އިންނެވެ. އުދިނޭޒީ އަތުން ނަޕޯލީ މޮޅުވީ 4-1 އިންނެވެ. ސަސުއޯލޯ އަތުން އިންޓަ މިލާން ބަލިވީ 1-2 އިންނެވެ.
ލީގުގައި ރޭގެ މެޗުތަކާއެކު އެއް ވަނައިގައި އޮތް އިންޓަ އާއި ދެ ވަނައިގައި އޮތް މިލާނަށް ލިބިފައިވާ ޕޮއިންޓް ވަނީ ހަމަހަމަވެފަ އެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ތިން ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އޮތީ 11 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ.
އިންޓަގެ ލަޓާރޯ މާޓީނޭޒް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ސަސުއޯލޯގެ ބެރާޑީ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ކަލިއަރީންނެވެ. އެ ޓީމުގެ ލަނޑު ޖެހީ ސެބަސްޓިއާއޯ ލުވުމްބޯ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުން ފަހަތުން އަރައި ދެ ގޯލު ޖަހައި ލީޑު ނެގި އެވެ. މި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ނޯއާ އޮކާފޯ އާއި ފިކާޔޯ ޓޮމޯރީ އެވެ. މިލާންގެ ފަހު ގޯލު ދެ ވަނަ ހާފުގައި ޖަހައިދިނީ ރުބެން-ލޮފްޓަސް ޗީކް އެވެ. މިއީ އޭނާ އޭސީ މިލާނަށް ބަދަލުވިފަހުން އެ ކުލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
އުދިނޭޒީ އަތުން ނަޕޯލީ މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ޕިއޮޓްރޭ ޒިއެލިންސްކީ، ވިކްޓާ އޮސީމެން، ކްވިޗާ ކްވަރަޝްކޭލިއާ އަދި ޖިއޮވާނީ ސިމިއޯނީ އެވެ. އުދިނޭސީގެ ހަމައެކަނި ގޯލު ޖަހައިދިނީ ލަޒާ ސަމާޑްޒިކް އެވެ.
މި ސީޒަންގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައިވާ އިންޓަ މިލާން ރޭ ބަލިވީ އަމިއްލަ ދަނޑުގަ އެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި އިންޓަ އަށް ލީޑު ނަގައިދިނީ ޑެންޒިލް ޑަމްފްރީސް އެވެ. އޭރިއާތެެރެއަށް ބޯޅަ ހިފައިގެން ވަދެ، ޑަމްފްރީސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އިންޓަ އިން ލީޑުނެގި ނަމަވެސް ދެ ވަނަ ހާފުގައި ނަދީމް ބަޖްރާމީ އާއި ޑޮމިނިކޯ ބެރާޑި ޖެހި ދެ ގޯލުން ސަސުއޯލޯ އިން ވަނީ އިންޓަ ބަލިކޮށްފަ އެވެ.
Comment