28 ސެޕްޓެންބަރު 2023 - 10:14 3
އަހުމަދު އާއިދު
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : ވިދާޅުވީ ޔާމީނު ދޫކޮށްލުން ފަސްކުރާނެ ކަމަށް ބުނާ އޯޑިއޯއަކީ ފޭކެއް ކަމަށާއި އެކަހަލަ ވާހަކައެއް ނުދައްކަވާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
28 ސެޕްޓެންބަރު 2023 - 10:14 3
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުން ފަސްކުރަން ބޭނުންވާ މޭރުމަކުން، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުކުރާ އޯޑިއޯ އަކީ "ފޭކެއް" ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި އޯޑިއޯގައި ވާހަކަ ދައްކާ ފަރާތުން ބުނަނީ ޔާމީނު މިނިވަންކުރުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފަހަށް، ލަސްކުރަން ޖެހޭ ކަމަށެވެ. އެ އޯޑިއޯއާ ގުޅިގެން "އަދަދު" އިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އެއީ ސަންތައިން ސައްތަ ފޭކެއް ކަމަށެވެ.
"ސަތޭކަ ޕަސެންޓް ފޭކެއް، އަޅުގަނޑު ތިކަހަލަ އެއްވެސް އެއްޗެއް އެއްވެސް ތާކު ނުބުނަން، ނުވެސް ބުނާނަން، އެންޓި ކެމްޕޭން ކުރުމުގަ ޑެސްޕަރޭޓް ވިޔަސް ބޮޑުވަރު" ކުރެއްވި މެސެޖެއްގައި މުއިއްޒު ވިދާޅުވި އެވެ.
އޯޑިއޯ ދައުރުކުރަމުންދާ ފަރާތްތަކުން ތުހުމަތު ކުރަނީ އެއީ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި އޭނާ ދެއްކެވި ވާހަކައެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އަޅުގަނޑުމެން ބޭނުންވާ ކެންޑިޑޭޓުން ފީލްޑްކޮށް، އަޅުގަނޑުމެންނަށް އެ އިންތިހާބުގައި ނިކުންނަ ނަތީޖާއަށްފަހުގަ އެކަން (ޔާމީން މިނިވަންކުރުން) ކުރުން އެދެން"
އެގޮތަށް ޔާމީނުގެ މައްސަލަ މަޑުޖައްސާލުމަށް އެކި ސަބަބުތައް ދެއްކިދާނެ ކަމަށް ވެސް އެ އޯޑިއޯގައި ވާހަކަދައްކާ މީހާ ބުނާ އަޑު އިވެ އެވެ. އެގޮތުން ގާނޫނު އޮތް ގޮތުން އެކަން ކުރެވެން ނެތުމާއި ގާނޫނު ބަދަލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެ އެވެ.
މުއިއްޒު، ޕީއެންސީގެ ޓިކެޓު ހޯއްދެވީ ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރެވޭ ހާލަތުގައި ވި ތައްޔާރީގެ ތެރެއިންނެވެ. އެގޮތުން ޕީޕީއެމް ދޫކުރައްވާ މުއިއްޒު ޕީއެންސީއަށް ގުޅި، ސެނެޓުގައި ނެގި ވޯޓު ކާމިޔާބުކުރެއްވީ އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާން އޮތް ހަފުތާގެ ތެރޭގަ އެވެ.
އިދިކޮޅު ކޯލިޝަނުން އެންމެ ފުރަތަމަ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުން ދެއްކީ ޔާމީނެވެ.
ނަމަވެސް، ރިޔާސީ ޓިކެޓު އެރުވުމަށްފަހު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ނިންމާފަ އެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް އަދި މައްސަލާގައި ވަކި ގޮތެއް ނުނިންމެ އެވެ.
އެ ޖަލު ހުކުމާއެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވި އެވެ. ހުކުމް އޮތް ނަމަވެސް ޕީޕީއެމުން ޔާމީނުގެ ކެންޑިޑެސީ އީސީއަށް ހުށަހަޅާ، އީސީއިން ކެންޑިޑެސީ ބަލައިނުގަތުމުން ޔާމީނު ވަނީ އިންތިހާބީ ހައްގު ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށްވެސް ގޮސްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންވެސް އިއްތިފާގުވީ ޔާމީނަށް މި އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.
Comment