Advertisement

އޭޝިއަން ގޭމްސް: ސްވިމިން ޓީމުން އިތުރު ގައުމީ ރެކޯޑްތަކެއް ހަދައިފި

28 ސެޕްޓެންބަރު 2023 - 09:42 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓެއް ނިންމާލުމަށްފަހު ގައުމީ ޓީމްގެ މުހައްމަދު ރީހާން ޝިހާމް - ފޮޓޯ: ނައުޝަމް ވަހީދު


އޭޝިއަން ގޭމްސް: ސްވިމިން ޓީމުން އިތުރު ގައުމީ ރެކޯޑްތަކެއް ހަދައިފި

28 ސެޕްޓެންބަރު 2023 - 09:42 0

މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ފެތުންތެރިން އިތުރު ހަތަރު ގައުމީ ރެކޯޑެއް ހަދައިފި އެވެ.

ޗައިނާގެ ހަންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި އިއްޔެ ކުރިއަށްދިޔަ ސްވިމިން އިވެންޓުތަކުގައި ހެދި ރެކޯޑުތަކާއިއެކު މި މުބާރާތުގައި ފެތުންތެރިން އާކުރި ގައުމީ ރެކޯޑުގެ އަދަދުވަނީ ހަތަކަށް އަރާފަ އެވެ. މީހާތަނަށް ހެދި ރެކޯޑުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މުބާލް އައްޒާމް އިބްރާހިމް އިއްޔެ މުގުރާލި، 17 އަހަރުވީ ފިރިހެނުންގެ 100 މީޓަރ ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑެވެ.

އިއްޔެ ކުރިއަށްދިޔަ އިވެންޓުތަކުގެ ތެރެއިން މުހައްމަދު ރިހާން ޝިހާމް، މުބާލް އައްޒާމް އިބްރާހީމް އަދި އިމްއާން އަލީ އިންޑިވިޖުއަލް ރެކޯޑެއް ހެދިއިރު، މި ތިން ފެތުންތެރިންނާއި އަހުމަދު ނީގް ނިޔާޒު ހިމެނޭ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ 100 މީޓަރ މެޑްލޭ ރިލޭގެ ގައުމީ ރެކޯޑު އާކޮށްފަ އެވެ.

ފިރިހެން ޓީމުން ހަތަރެއް ގުނަ 100 މީޓަރ މެޑްލޭ ރިލޭގެ ގައުމީ ރެކޯޑު އާކުރީ ހަތަރުވަރަކަށް ސިކުންތުގެ ކުރިއެރުމަކާއިއެކު ހަތަރު މިނެޓު 25.69 ސިކުންތުންނެވެ. މިދިޔަ މަހު ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފިރިހެން ޓީމުން މީގެ ކުރިން ހެދި ރެކޯޑުގެ ޓައިމިން އަކީ ހަތަރު މިނެޓު 29.42 ސިކުންތެވެ. އެފަހަރު ރެކޯޑު ހެދި ޓީމްގައި ހިމެނެނީ މުބާލް، އިމްއާން، ރިހާން އަދި މުހައްމަދު އާން ހުސައިން އެވެ.

އިއްޔެ ހެދި ރެކޯޑުތަކުގެ ތެރެއިން ދެން ފާހަގަކޮށްލެވެނީ އަލީ އިމްއާން އާކުރި ފިރިހެނުންގެ 100 މީޓަރ ބެކްސްޓްރޯކްގެ ގައުމީ ރެކޯޑެވެ. މީގެ ތިން ދުވަސްކުރިން މި ގޭމްސްގައި އެއް މިނެޓު 04.64 ސިކުންތުން ނިންމައިގެން ހެދި ގައުމީ ރެކޯޑު މިއަދު އޭނާ އާކުރީ އެއް މިނެޓު 04.51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭޝިއަން ގޭމްސްގައި ގައުމީ ޓީމްގެ އިމްއާން އަޅީ ފަތަނީ - ފޮޓޯ/ނައުޝަމް ވަހީދު (އެމްއޯސީ މީޑިއާ


މިފަހަރުގެ ގޭމްސްގައި މުބާލްގެ ދެވަނަ ގައުމީ ރެކޯޑު އޭނާ ހެދީ ފްރީސްޓައިލް ރިލޭ އިވެންޓްގައި 200 މީޓަރ ލެންތު ދެ މިނެޓު 08.22 ސިކުންތުން ނިންމައިގެންނެވެ. މި ރެކޯޑު ކުރިން އޭނާ ހަދާފައިވަނީ 2019 ވަނަ އަހަރު އޮތް ފީނާ ވޯލްޑް ޗެމްޕިއަންޝިޕުގަ އެވެ. އެފަހަރު މުބާލްގެ ޓައިމިން އަކީ ދެ މިނެޓު 09.06 ސިކުންތެވެ.

2019ގެ ފީނާ ވޯލްޑް ޗެމްޕއިންޝިޕްގެ ފިރިހެނުންގެ 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ފަތައި މުބާލް ހެދި ގައުމީ ރެކޯޑު އިއްޔެ ރީހާން ވަނީ މިއަދު މުގުރާލާފަ އެވެ. އިއްޔެ ކުރިއަށްދިޔަ ރޭސް ރީހާން ނިންމީ ފަސް މިނެޓު 14.05 ސިކުންތުންނެވެ. މުބާލް ގައުމީ ރެކޯޑު ހެދި ޓައިމިން އަކީ ފަސް މިނެޓު 14.91 ސިކުންތެވެ.

އިއްޔެ ހެދި ގައުމީ ހަތަރު ރެކޯޑުގެ އިތުރުން މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމުގެ ފެތުންތެރިން ރެކޯޑު ހެދި އިވެންޓުތަކަކީ، ފިރިހެނުންގެ 100 މީޓަރުގެ ބްރެސްޓް ސްޓްރޯކް، ފިރިހެނުންގެ 100 މީޓަރ ބެކްސްޓްރޯކް އަދި އަންހެނުންގެ 200 މީޓަރު ބަޓަރފްލައި އިވެންޓެވެ.