27 ސެޕްޓެންބަރު 2023 - 23:48 0
އާމިނަތު ނިއުޝާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ: މަޖިލިސް އިދާރާ
27 ސެޕްޓެންބަރު 2023 - 23:48 0
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތައް އިތުރުވެފައިވާ ގޮތާއި، އަންނާނެ އެހެން ބަދަލުތައް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މަޖިލިސް ބަދަލުކުރުމަށް ނިންމާފައިވާއިރު، ބައެއް ދާއިރާތަކުގެ ނަންތަކަށް ވެސް ބަދަކު އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓުގައި ބުނެ އެވެ.
ވަގުތީ ރިޕޯޓުގައި ބުނާ ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާ އަށް ނިސްބަތްވާ ރަށް އެކަންޏެވެ. އަދި ބައެއް ދާއިރާތަކުގެ ނަމަށްވެސް ބަދަލު އަންނަނާނެ ކަމަށް ބުނެ އެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ"އަށް، ކ. ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ"އަށް ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ"އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ"ގެ ނަމަށް ބަދަލުވާނެ އެވެ.
ރިޕޯޓަށް މާދަމާ އިން ފެށިގެން، އޮކްޓޯބަރު 19 ގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. ނަމަވެސް 2024 ގައި ހޮވާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު, ދެން އިންތިހާބު ކުރާ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު 93 އަށް އަރާނެ އެވެ.
އެންމެ ފަހުން 2019 ގައި ހޮވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިންވެސް، 18 ވަނަ މަޖިލީހުގައި ތިބި ޖުމްލަ 85 މެންބަރުންގެ އަދަދަށް ދެ ގޮނޑި އިތުރުކުރި އެވެ.
މަޖިލީހުގެ މެމްބަރުން އިތުރުވުމުގެ މާލީ ބުރައަށް ބަލާއިރު، އިތުރުވާ ކޮންމެ މެމްބަރެއްގެ މުސާރައާއި އިނާޔަތްތަކަށް އެކަނި އަހަރަކު ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެ އެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް މިހާރު ތިބި 85 މެންބަރުންނަށް ބަލާނަމަ 425 މިލިއަން ރުފިޔާ އެވެ. އެއީ އަދި މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މުސާރައާއި، ހިންގުމުގެ ހަރަދު ނުލަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment