Advertisement

ރަޝިއާ ކުޅޭ މުބާރާތްތައް ޕޮލެންޑާއި ޔޫކްރެއިނުން ބޮއިކޮޓްކުރަން ނިންމައިފި

28 ސެޕްޓެންބަރު 2023 - 08:55 0


ރަޝިއާ ކުޅޭ މުބާރާތްތައް ޕޮލެންޑާއި ޔޫކްރެއިނުން ބޮއިކޮޓްކުރަން ނިންމައިފި

28 ސެޕްޓެންބަރު 2023 - 08:55 0

ކިއޭވް، ޔޫކްރެއިން (ސެޕްޓެމްބަރު 28) - ރަޝިއާގެ ޓީމުތައް ކުޅޭ ޔުއެފާގެ މުބާރާތްތައް ބޮއިކޮޓްކުރަން ޔޫކްރެއިނާއި ޕޮލެންޑްގެ ފުޓްބޯޅަ އިދާރާތަކުން ނިންމައިފި އެވެ.

އެ ދެ ގައުމުން މި ގޮތަށް ނިންމާފައިވަނީ ރަޝިއާގެ ޔޫތު ޓީމުތަކަށް ޔޫރަޕްގެ ރަސްމީ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ދޭން ޔުއެފާ އިން ނިންމުމާ ގުޅިގެންނެވެ.

ޔޫކްރެއިނަށް އަރައި، ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން މިދިޔަ އަހަރު ޔުއެފާ އާއި ފީފާ އިން ވަނީ ރަޝިއާ އަށް ފިޔަވަޅު އަޅައިފަ އެވެ. ޔުއެފާ އިން ނިންމީ ރަޝިއާގެ އެއްވެސް ޓީމަކަށް ޔޫރަޕްގެ މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެެވެ. އެކަމަކު، ދާދި ފަހުން ޔުއެފާ އިން ވަނީ ރަޝިއާގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެ، ރަޝިއާގެ ޔޫތު ޓީމުތަކަށް ޔުއެފާ މުބާރާތްތަކުން ފުރުސަތު ދޭން ނިންމައިފަ އެވެ.

ޔުއެފާގެ މި ނިންމުމާ އެކު، ޔޫކްރެއިން ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ރަޝިއާ ޓީމެއް ވާދަކުރާ އެއްވެސް މުބާރާތެއްގައި ޔޫކްރެއިންގެ ޓީމެއް ނުފެންނާނެ ކަމަށެވެ.

ޔޫކްރެއިނުން ވަނީ ރަޝިއާ އަށް ފުރުސަތު މި ދިން ކަންކަން އަލުން ރިވިއު ކުރަން ޔުއެފާ އަށް ގޮވާލައިފަ އެވެ. އެ ގޮތަށް އެކަން ނުކޮށް، ރަޝިއާ އަށް ފުރުސަތު ދޭން ނިންމައިގެން ކުރިއަށް ގޮސްފިނަމަ ހާލަތު ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ޔޫކްރެއިނުން ވަނީ ހާމަކޮށްފަ އެެވެ.

ޔުއެފާގެ މެމްބަރު ހުރިހާ ގައުމުތަކަކުން ވެސް މި ބޮއިކޮޓް ކެމްޕެއިންގައި ބައިވެރިވާން ޔޫކްރެއިނުން ވަނީ އެދިފަ އެވެ. އެ އަށް އެންމެ ފުރަތަމަ އިޖާބަ ދީފައިވަނީ ޕޮލެންޑް ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ.

ޕޮލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ސެޒާރީ ކުލޭސްޒާ ވިދާޅުވީ ރަޝިއާގެ ގައުމީ ޓީމުތައް ކުޅޭ މުބާރާތްތަކުގައި ޕޮލެންޑްގެ ގައުމީ ޓީމުތައް ވާދަނުކުރާނެ ކަމަށެެވެ.

ޔުއެފާގެ އެގްޒެކްޓިވް ކޮމިޓީން މިދިޔަ އަންގާރަ ދުވަހު ނިންމި މި ނިންމުމާ އިނގިރޭސި އެފްއޭ ވެސް ދެކޮޅެވެ. އިނގިރޭސި އެފްއޭގެ ތަރުޖަމާނު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިނގިރޭސި ޓީމުތަކުން ވެސް ރަޝިއާއާ ދެކޮޅަށް ނުކުޅޭނެ ކަމަށެެވެ.

ރަޝިއާ ވާދަނުކުރާނަމަ ގައުމުތަކުން މުބާރާތް ބޮއިކޮޓްކުރުން އާންމުވާފަދަ ހާލަތެއް ކުރިމަތިވިޔަސް ޔުއެފާގެ ވިސްނުން ބަދަލުކުރުމުގެ ހިޔާލެއް ނެތެވެ. ޔުއެފާގެ ވިސްނުމަކީ ރަޝިއާ އަށް އުފަންވީތީ ޒުވާން ޖީލަކަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތުން މަހުރޫމްވެފައި ހުންނަން ނުޖެހުމެވެ. އެހެންވެ، ރަޝިއާގެ އުމުރުފުރާ ޓީމުތަކަށް ފުރުސަތު ދޭން ނިންމީ އެވެ.