Advertisement

އެފްރިކާ ކަޕް 2025 ގައި ބާއްވާނީ މޮރޮކޯގައި

28 ސެޕްޓެންބަރު 2023 - 08:55 0

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން މޮރޮކޯ ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެފްރިކާ ކަޕް 2025 ގައި ބާއްވާނީ މޮރޮކޯގައި

28 ސެޕްޓެންބަރު 2023 - 08:55 0

ގާހިރާ، މިސްރު (ސެޕްޓެމްބަރު 28) - އެފްރިިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް 2025 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު މޮރޮކޯ އަށް ދީފި އެވެ.

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން އިއުލާނުކޮށްފައިވާ ގޮތުގައި މޮރޮކޯގައި ބާއްވާ މުބާރާތުގެ ދެ އަހަރު ފަހުން، 2027 ވަނަ އަހަރުގެ އެފްުރިކަން ކަޕް ބާއްވާނީ ކެންޏާ، ޔޫގާންޑާ އަދި ޓެންޒޭނިއާގަ އެވެ.

މޮރޮކޯ އިން އެންމެ ފަހުން އެފްރިކަން ކަޕެއް ހޯސްޓްކުރީ 1988 ވަނަ އަހަރު އެވެ. މޮރޮކޯ އަށް 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް ބޭއްވުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ މުބާރާތް ބާއްވަން ތާވަލުކުރި ދުވަސްވަރު މޮޮރޮކޯގައި އެބޯލާ ވައިރަސް ފެތުރިފައިވާތީ، މޮރޮކޯ އިން އެދުނީ މުބާރާތް ފަސްކުރާށެވެ. އެކަމަކު، ކާފް އިން ވަނީ މޮރޮކޯ އަތުން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު އަތުލައިފަ އެވެ.

ކާފްގެ ރައީސް ޕެޓްރީސް މޮޓްސެޕޭ ވިދާޅުވީ މޮރޮކޯ އަށް 2025 ވަނަ އަހަރުގެ އެފްރިކަން ކަޕް ބޭއްވުމުގެ ފުރުސަތު ދިނުމުގެ ފަހަތުގައި ހާއްސަ ސަަބަބެއް ވެސް އެބައޮތް ކަމަށެެވެ. އެ ގޮތުން އެންމެ ބޮޑު ބޭނުމަކީ މޮރޮކޯ ހިމެނޭ ގޮތަށް ފީފާ ވޯލްޑް ކަޕް، 2030 ވަނަ އަހަރު ބާއްވަން ކޮށްފައިވާ ޖޮއިންޓް ބިޑަށް ސަޕޯޓް ދިނުމުގެ ގޮތުން ކަމަށް މޮޓްސެޕޭ ފާހަގަކުރެއްވި އެވެ.

މޮރޮކޯ އިން ބިޑްކޮށްފައިވަނީ ސްޕެއިނާއި ޕޯޗުގަލް ހިމެނޭ ގޮތަށް ތިން ގައުމުން އެކުވެގެން ވޯލްޑް ކަޕް ހޯސްޓްކުރާ ގޮތަށެވެ.

ކެންޏާ، ޔޫގާންޑާ އަދި ޓެންޒޭނިއާގައި 2027 ވަނަ އަހަރުގެ އެފްރިކަން ކަޕް ބާއްވަން ހަމަޖެހުނީ ފަހު ވަގުތު އަލްޖީރިއާ އިން ބިޑް އަނބުރާ ގެންދިއުމުންނެވެ. މިއީ 1976 ވަނަ އަހަރަށް ފަހު، އިރުމަތީ އެފްރިކާގެ ގައުމަކަށް އެފްރިކަން ކަޕް ހޯސްޓްކުރަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެ ފަހަރު އެފްރިކަން ކަޕް ބޭއްވީ އިތިއޯޕިއާގަ އެވެ.

އެފްރިކަން ކަޕް 1957 ވަނަ އަހަރު ފެށީ ތިން ޓީމުގެ މެދުގަ އެވެ. އެ ފަހުން މުބާރާތް ފުޅާވަމުން އައިސް، 2019 ވަނަ އަހަރުގެ ފަހުން، މި މުބާރާތް ކުޅެމުން އަންނަނީ 24 ގައުމުގެ މެދުގަ އެވެ. އެފްރިކަން ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ހަތް ފަހަރު ތަށި ހޯދާފައިވާ މިސްރު އެވެ. ކެމަރޫނުން ފަސް ފަހަރު ތަށި އުފުލާލިއިރު، ގާނާ އިން ވަނީ ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.