27 ސެޕްޓެންބަރު 2023 - 20:06 1
27 ސެޕްޓެންބަރު 2023 - 20:06 1
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ހެދި ކޯލިޝަން ރޫޅާލައި, އެ އިންތިހާބުގެ ދެ ވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމި އަމަލަކީ ހުތުރު އަމަލެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ސިފަކުރައްވައިފި އެވެ.
ސަރުކާރު ހިންގާ އެމްޑީޕީ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލަން ނިންމީ ރޭ ބޭއްވި އެމްޑީއޭ ކައުންސިލް ބައްދަލުވުމުގަ އެވެ. އެގޮތަށް ހުށަހެޅުން ފާސްވީ ބޮޑު އަގުލަބިއްޔަތަކުން 33 ވޯޓު ލިބިގެނެވެ.
"އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުން އައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި އަަމަލެއް އަދި އެއީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ވަރުގެ ކަމެއްކަމަކަށް ނުދެކެން," ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އެމްޑީއޭއިން، ޑރ. މުއިއްޒަށް ތާއީދު ކުރަން ނިންމީ އޭނާއަކީ ދެފުށްކެހެރި މީހެއް ނޫން ކަމަށާއި ރައީސް ސޯލިހު ދޫނުކޮށްލައްވާނެ ކަމަށް ސެޕްޓެމްބަރު 4، ގައި ދެއްވި ސްޕީޗެއްގައި ސިޔާމް ވިދާޅުވެފައި އޮއްވަ އެވެ.
"އަޅުގަނޑު މިއީ ދެފުށްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ސީދާ އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. އަަޅުގަނޑެއް ގައިމުވެސް އިބްރާހީމް މުހައްމަދު ސޯލިހު ދޫކޮށްލާފައި، މި ފަސް އަހަރަކު އިރާދަކުރެއްވިއްޔާ އެއްވެސް ތަނަކަށް ނުދާނަން،" ސިޔާމް ވިދާޅުވި އެވެ.
މި ހިނގާ ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން ކޯލިޝަން ހެދީ އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީއާ އެވެ. ތިން ޕާޓީގެ ކޯލިޝަނުގެ ގިނަ ދަތުރުތަކުގައި ސިޔާމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް ދިޔުމުން, އެމްޑީޕީގެ ކެމްޕޭނުން އެމްޑީއޭ ގެއްލިގެން ދިޔަ އެވެ. އެއަށްފަހު ކޯލިޝަނާއެކު ކުރިއަށް ނުދާން އެމްޑީއޭއިން މި ނިންމީ, އިންތިހާބުގެ ދެވަނަ ބުރަށް ތިން ދުވަހަށް ވެފައި އޮއްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment