27 ސެޕްޓެންބަރު 2023 - 12:52 1
އަމަން ހަލީމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ވާހަކަ ދައްކަވަނީ: ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ޑޮލަރު މައްސަލަ ހައްލުކުރަން ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މުހައްމަދު ޝާބިން
27 ސެޕްޓެންބަރު 2023 - 12:52 1
އިގުތިސޯދަށް ވަންނަ ޑޮލަރު އާމްދަނީގެ 30 ޕަސެންޓު ރާއްޖޭގައި ހިފެހެއްޓިއްޖެ ނަމަ ޑޮލަރުގެ އަގު 15ރ. އަށް ވުރެ ތިރިކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވެނަ ބުރުގެ ކެމްޕެއިނަށް އައްޑޫގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ސޯލިހު މިހެން ވިދާޅުވީ ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ކުރި މަސައްކަތްތައް ކިޔައިދެއްވަމުންނެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ވެސް ތަންފީޒުކުރެވޭތޯ މަސައްކަތް ކުރި، އަދި މިހާރު ވެސް މަސައްކަތް ކުރަމުންދާ ދެ ގޮތެއް ރައީސް ވިދާޅުވެދެއްވި އެވެ.
އެއް ގޮތަކީ އެތެރޭގެ އިގުތިސާދު ޑީޑޮލަރައިޒް ކުރުން ނުވަތަ އެތެރޭގެ ވިޔަފާރި މުއާމަލާތްތައް މުޅިން ދިވެހި ފައިސާއިން ކުރާ ގޮތަށް ހަމަޖެއްސުމެވެ. ރައީސް ވިދާޅުވި ގޮތުގައި މި ބަދަލު ގެނައި ނަމަ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވެ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ބޭންކުތަކުގައި ޑޮލަރު ހިފެހެއްޓުނީސް ކަމަށެވެ.
"[ވިޔަފާރިތަކުން] ގަންނަ ހުރިހާ އެއްޗެއް ވެސް، ދޭ މުސާރަ ވެސް ދޭން ޖެހޭނީ [ރުފިޔާއިިން] ޓެކްސްއެއް ވިޔަސް ދައްކަން ޖެހޭނީ ރުފިޔާއިން. ހުރިހާ އެއްޗެއް ވެސް. އެހެން ކަމަށް ވަންޏާ އެ ޑޮލަރު މާރުކުރަން ޖެހޭނެ ސަރުކާރަށް. ބޭންކުތަކަށް. އެމްއެމްއޭއިން ކަނޑައަޅާ އުސޫލަކުން. އެހެން ކަމަށް ވަންޏާ ރާއްޖޭގައި ރައްޔިތުން ބޭނުންވާ ވަރަށް ބޭންކުތަކުން ލިބޭނެ ޑޮލަރު އަޅުގަނޑުމެންނަށް ހިފެއްޓޭނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.
ޑޮލަރުގެ ތާށިކަން ހައްލުކުރަން ދެވަނަ އޮޕްޝަނެއްގެ ގޮތުގައި ވާހަކަ ދެކެވުނީ ވިޔަފާރިތަކަށް ލިބޭ ޑޮލަރު އާމްދަނީގެ އިންސައްތައެއް ވަކި މުއްދަތަކަށް ރާއްޖޭގެ ބޭންކެއްގައި ބެހެއްޓުމަށެވެ. ރައީސް ހާމަކުރެއްވި ގޮތުގައި ސަރުކާރުން ވިޔަފާރިވެރިންނާ މަޝްވަރާ ކުރީ 30 ޕަސެންޓު ބެހެއްޓުމަށެވެ. މިކަމަށް ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިކަމަށްޓަކައި ގާތްގަނޑަކަށް އެއްބަސްވުމަކަށް ވެސް އާދެވުނެވެ. އެހެން ނަމަވެސް މިކަން ކުރެވެން އޮތީ ވިޔަފާރިވެރިން ބަހައްޓާފައިވާ ފައިސާ އޭ ބޭނުންވާ ގަޑީގައި ނެގޭނެ ކަމުގެ ޔަގީންކަން ސަަރުކާރުން ގާނޫނީ ގޮތުން ހޯދައި ދީގެން ކަމުން އެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފޮރިން އިންވެސްޓަރުން ރާއްޖޭގައި އެބަ އުޅޭ. ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ވަގުތު ލިބޭނެ ކަމުގެ ޔަގީންކަން. އަދި ދިވެހި އިންވެސްޓަރުން ވެސް ތިބީ ބޭރުން ލޯނު ނަގައިގެން. އެ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަމެއް ސަރުކާރުން ގާނޫނީ ގޮތުން އެ ފަރާތްތަކަށް ހޯދައި ދީފައި ބޭއްވުން. އޭގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބު ވެއްޖެ ނަމަ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މީގެ ތެރެއިން ކޮންމެވެސް އެއް ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމަށެވެ. އެއާ އެކީ ޑޮލަރު ތާށިކަމުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އެކްސްޗޭންޖު ރޭޓަކީ ޑޮލަރަކަށް 15.42ރ. އެވެ. އެހެން ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ އަބަދުވެސް 16ރ. އަށް ވުރެ މަތީގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment