27 ސެޕްޓެންބަރު 2023 - 12:06 0
މުހައްމަދު ނަސީމް
އެމްޑީޕީން އައްޑޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަސު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
27 ސެޕްޓެންބަރު 2023 - 12:06 0
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ރަނގަޅަށް ނުކުރެވުނު ބައެއް ކަންތައްތައް ފާހަގަކުރައްވައި، އިންތިހާބުގެ ދެވަނަ ބުރުގައި ތިން ކަމެއް ކުރަން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިރުޝާދު ދެއްވައިފި އެވެ.
އައްޑޫގައި އެެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ރަނގަޅަށް ނުކުރެވުނު އެއް ކަމަކީ ވޯޓުލާން ތިބި މީހުންނާ ކުރަން ޖެހޭ މުއާމަލާތްތައް ކުރުމެވެ. ހުދު އެމްޑީޕީގެ މެމްބަރުންނާ ވެސް އޭރު ރަނގަޅަށް މުއާމަލާތް ކުރެވިފައި ނުވާ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސް އަކަށެއް، ރައްޔިތުންނަކަށެއް ރީޗްވެވިފައެއް ނެތް. އަޅުގަމެންގެ [އެމްޑީޕީގެ] މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މީހުން ވޯޓުލާން ނެރެން ވެސް ފުރަަތަމަ ބުރުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުނު އިރު އެގްޒިޓްޕޯލް ނެގުން ފަދަ ކަންތައްތައް ވެސް އޮތީ ނުކުރެވި އެވެ. ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި ކުރަންވީ އެއް ކަމަކީ އެކަން ރަނގަޅުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް މި އޮތް ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަމާލުވާންވީ އެންމެ މުހިއްމު އެއް ކަމަކީ އެއީ،" ރައީސް ވިދާޅުވި އެވެ.
ދެވަނަ ކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގައި އުޅުމަށް ފަހު "ދުރަށް ޖެހިލާފައި ތިބި" މީހުންގެ ތާއީދު ހޯދަން މަސައްކަތް ކުރުމެވެ. ނަން ވިދާޅުނުވިޔަސް އެމަނިކުފާނު ދެއްކެވީ އަލަށް އުފެއްދި ޕާޓީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވާހަކަ ކަން އެނގެ އެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވުމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ހިންގެވި ބޭފުޅުން އެޕާޓީން ވަކިވެގެން އުފެއްދި ޕާޓީ އެކެވެ. އެޕާޓީން ރިޔާސީ އިންތިހާބަށް ނެރުނު ކެންޑިޑޭޓް އިލްޔާސް ލަބީބަކީ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ. އޭނާއަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.
"މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ތެރެއިން މި ވަކިވެގެން ވަގުތީ ގޮތުން މިދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެންނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބުކުުރުމަށް ޓަކައި އެމްޑީޕީން ތިން ވަނަ ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމަކީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅުފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔުިތުންނަށް ހާމަކޮށްދިނުމެވެ. އެ މަސައްކަތް މިދިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ،ކުރެވިއްޖެ ކަމަށާއި ކުރިއަށް މިއޮތް ދެދުވަހުގެ ތެރޭގައި ވެސް އެމަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިންޑިއާއާ ބެހޭ ގޮތުން މިދައްކާ ވާހަކައާ، ކަނޑުވިއްކާލީއޭ ކިޔައިގެން މިދައްކާ ވާހަކައާ އަދި މި ނޫން ވެސް ހަގީގަތާ ދުރުން ދައްކާ އެތައް ވާހަކައެއް، އެތައް ދޮގެއް ފަތުރަމުން އެބަދޭ. މީގެ ހަގީގަތްތައް ހާމަކޮށްދެވުނު ވަރަކަށް އަޅުގަނޑު ގަބޫލުކުރަނީ ދިވެހިން އެކަމެއް [އެ ދޮގުތަކެއް] ގަބޫލެއް ނުކުރާނޭ. އެ ދައްކަނީ ދޮގުކަމަށް ރައްޔިތުން ގަބޫލުކުރާނޭ" ރައީސް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment