Advertisement

ލީގު ކަޕް: ޔުނައިޓެޑް އަނެއް ބުރަށް، ވުލްވްސް ކަޓައިފި

27 ސެޕްޓެންބަރު 2023 - 10:42 0

ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ލީގު ކަޕް: ޔުނައިޓެޑް އަނެއް ބުރަށް، ވުލްވްސް ކަޓައިފި

27 ސެޕްޓެންބަރު 2023 - 10:42 0

މެންޗެސްޓާ (ސެޕްޓެމްބަރު 27) - އިނގިރޭސި ލީގު ކަޕް ތިން ވަނަ ބުރުގައި ކްރިސްޓަލް ޕެލަސް އަތުން 3-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދިއިރު، ދެ ވަނަ ޑިވިޝަނުގެ އިޕްސްވިޗް ޓައުން އަތުން 3-2 އިން ބަލިވެ، ވުލްވްސް މުބާރާތުން ކަޓައިފި އެވެ.

ރޭގެ މެޗު ފަށައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ޔުނައިޓެޑުން ވަނީ 27 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 21 ވަނަ މިނިޓްގައި އާޖެންޓީނާގެ ޒުވާން ފޯވާޑް، އަލެހަންދްރޯ ގާނާޗޯ އެވެ. އޭގެ ހަ މިނިޓް ފަހުން މޭސަން މައުންޓް ދިން ބޯޅަ އަކުން ކަސެމީރޯ ވަނީ ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ.

ޔުނައިޓެޑަށް ރޭގެ މެޗުގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ އެންތަނީ މާޝިއަލް އެވެ. މެޗުގެ 55 ވަނަ މިނިޓްގައި މާޝިއަލް މި ގޯލު ޖެހީ ކަސެމީރޯ ދިން ބޯޅައަކުންނެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މިއީ ހުރިހާ ގޮތަކުން ބެލިޔަސް ފުރިހަމަ މޮޅެއް ކަމަށެވެ.

"އަހަރެން ވަރަށް ދުވަހަށް ފަހު މި ގޮތަށް ބުނަން ފުރުސަތު މި ލިބުނީ. މިއީ އަހަރެމެން ވަރަށް ރަނގަޅަށް މެޗު ޑޮމިނޭޓްކޮށްގެން ހޯދި މޮޅެއް. މި އަށް ވުރެން ވެސް ރަނގަޅުކުރެވޭނެ،" ޓެން ހާގް ބުންޏެވެ.

ރަށުންބޭރުގައި ކުޅުނު ވުލްވްސް އިން ވަނީ ރޭގެ މެޗު ފަށައިގެން 15 މިިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ހްވާން ހީ ޗާން އާއި ޓޮޓީ އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ދެ ވަނައިގައި އޮތް އިސްޕްވިޗް އިން ނަތީޖާ އަނބުރާލީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. މި ތިން ގޯލުގެ ތެރެއިން ފުރަތަަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފު ނިމުމުގެ ކުރިންނެވެ. މި ލަނޑުތައް ޖެހީ އޮމާރީ ހަޗިންސަން އާއި ފްރެޑީ ލަޑާޕޯ އެވެ.

ދެ ވަނަ ހާފުގައި އިޕްސްވިޗް މޮޅުކޮށްދިން ގޯލު ޖެހީ ޖެކް ޓޭލާ އެެެވެ. މި ގޯލާ އެކު، އިޕްސްވިޗަށް ވަނީ 2010 ވަނަ އަހަރުގެ ފަހުން ލީގު ކަޕްގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބިފަ އވެެ.