26 ސެޕްޓެންބަރު 2023 - 16:08 0
މުހައްމަދު ޖަމްޝަތު ވަހީދު
26 ސެޕްޓެންބަރު 2023 - 16:08 0
ސަރުކާރުގެ ހަރަދުގައި ކިޔެވުމަށް ޓީޗާސް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ސްކޮލާޝިޕް 2023 އަށް ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި ސްކޮލާޝިޕްގެ ދަށުން ޔޫކޭ ގައި މާސްޓަސް އޮފް އޯޓިޒަމް ކިޔެވުމަށް ހަތަރު ފުރުސަތާއި މާސްޓާސް އޮފް އެޑިޔުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީ ކިޔެވުމަށް ތިން ފުރުސަތު ވަނީ ހުޅުވާލާފަ އެވެެ.
ހަޔާ އެޑިއުކޭޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ސްކޮލާޝިޕް ސްކީމްގެ މަގުސަދަކީ ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތުގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް އުނގަންނައިދޭ މުދައްރިސުން ތަމްރީނުކޮށް ބިނާކުރުން ކަމަށެވެ.
އަދި ތަމްރީނު ލިބިފައިވާ މުދައްރިސުންގެ ސަބަބުން، އުނގެނުމުގައި ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންގެ ދިރިއުޅުމަށް ހެޔޮ އަސަރުކޮށް، ރާއްޖޭގައި މިހާރަށްވުރެ ހުރިހާ ކުދިންނާއި މީހުން ޝާމިލުކުރުމުގެ މުޖުތަމައެއް ބިނާކުރެވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ބުންޏެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލާ ޓީޗަރުންނަކީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު ސަރުކާރު ސްކޫލެއްގައި މަދުވެގެން ދެ އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވާންޖެހެ އެވެ.
މި ސްކޮލާޝިޕްގައި ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ހަރަދު ހިމެނެ އެވެ.
އަދި މި ސްކޮލާޝިޕުގެ ފުރުސަތު ލިބޭ ކެންޑިޑޭޓުން ކިޔަވާނިމިގެން ރާއްޖެ އައުމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތައުލީމު ދިނުމަށް ހާއްސަކުރެވިފައިވާ މަރުކަޒެއްގައި މަސައްކަތްކުރުމަށް ޝަރުތުކުރެވޭނެ އެވެ.
މިނިސްޓްރީން ބުނީ ސަރުކާރުން މަތީ ތައުލީމަށްދޭ އަހައްމިއްޔަތު އިހަށްވުރެ އިތުރުކޮށް އުނގެނުމަށް މަގުފަހިކޮށްދިނުމަށް މިފަދަ ސްކޮލާޝިޕް ފުރުސަތުތަކުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ އެކި ފަންނުތަކުން މީހުން ތަމްރީންވެ މުޅި ގައުމަށް މިކަމުގެ ލާބަޔާ މަންފާކުރާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި ސްކޮލާޝިޕްގެ ސުންގަޑި ހަމަވާނީ 5 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށެވެ. އަދި މި ސްކޮލާޝިޕަށް އެޕްލައި ކުރެވޭނީ 'މައި އެޑިޔު' ޕޯޓަލް މެދުވެރިކޮށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment