26 ސެޕްޓެންބަރު 2023 - 14:48 0
މުހައްމަދު ޖަމްޝަތު ވަހީދު
ވީއައިއޭގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު، އެއާ ޓްރެފިކަށް ހާއްސަކޮށްގެން އާ ކުންފުންޏެއް ވަނީ އުފައްދާފަ--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
26 ސެޕްޓެންބަރު 2023 - 14:48 0
އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާ ކުރަން ”މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް“ ގެ ނަމުގައި އިތުރު ކުންފުންޏެއް އުފައްދައިފި އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދުގައި ކުރާ ދަތުރުތައް މިހާތަނަށް ބަލައި ދިރާސާކޮށް ރެގިއުލޭޓްކުރަމުންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއާ ޓްރެފިކް މެނޭޖްމަންޓްގެ ޔުނިޓްގެ ދަށުން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި ކޮންޓްރޯލް ސެންޓަރުންނެވެ.
މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް އުފައްދާފައިވަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެެއް ގޮތަށެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު އަތުހަރު އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ކުރިއެރުންތަކާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ މޫވްމެންޓު ވެސް އަންނަނީ އިތުރުވަމުންނެވެ. އަދި މިއާއެކު އެއާ ޓްރެފިކް ފްލޯއަށް ބަދަލުގެނެސް ވަކި ކުންފުންޏެއްގެ ގޮތުގައި އެެ ހިދުމަތް ދޭން ފެށުމުން އެ އޮޕަރޭޝަން މިހާރަށް ވުރެ އޮމާންކަމާއެކީ ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފެއްދީ ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި ވީއައިއޭގެ އެއާ ޓްރެފިކް ޓަވަރާއި އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ސަރުކާރުން މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެެއާ ޓްރެފިކް ހިދުމަތަށް ވަކި ކުންފުންޏެއް އުފައްދާފައިވާއިރު އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެމްއޭސީއެލްގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުންގެ މުސާރަ ރިވިއުކުރަމުންދާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ މި ނޫހަށް ވިދާޅުވެފަ އެވެ.
އެނގިފައިވާ ގޮތުގައި އެމްއޭސީއެލްގެ ޕޭ ސްޓްރަކްޗާ ބައްޓަންވެފައިވާ ގޮތުން އެއާޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުންގެ ރޭޓިން އަށް ބަަލައި މުސާރައާއި އިނާޔަތްތަށް ނުދޭތީ އެކަމުގެ ޝަކުވާ އެ މުވައްޒަފުންގެ ފަރާތުން ސަރުކާރަށް ވެސް ހުށަހެޅި އެެވެ.
Comment