Advertisement

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯތި ދިނުމަށް އުތުރު ތިލަފަޅުން ހިއްކަނީ 215 ހެކްޓަރުގެ ބިން

24 ސެޕްޓެންބަރު 2023 - 17:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އުތުރު ތިލަފަޅުން ގޯތި ދިނުމަށް ހިއްކަން ނިންމާފައިވާ ސަރަހައްދުގެ ޗާޓު - ފޮޓޯ: ހައުސިން މިނިސްޓްރީ


ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯތި ދިނުމަށް އުތުރު ތިލަފަޅުން ހިއްކަނީ 215 ހެކްޓަރުގެ ބިން

24 ސެޕްޓެންބަރު 2023 - 17:52 0

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ދޫކުރާ ގޯތި ދޫކުރުމަށް އުތުރު ތިލަފަޅުން ހިއްކުމަށް ނިންމާފައިވަނީ ޖުމްލަ 215 ހެކްޓަރު ބިން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭ ސްކީމް މިރޭ އިއުލާނުކުރާނެ ކަމަށާއި އެ މީހުންނަށް ގޯތިދޭނީ ކ. އަތޮޅު އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރޭގަ އެވެ. އަދި ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ ސްކީމުގެ ދަށުން ގޯއްޗައް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ އެ ފަޅުން އަލަށް ހިއްކާ 215 ހެކްޓަރުގެ ބިމުން ކަމަށެވެ.

"މި ޕްރޮގްރާމް އިއުލާންކޮށް ގެޒެޓްގައިވާ އިއުލާނުގައިވާ ގޮތުން މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓު," މިނިސްޓްރީން ބުނެފައިވެ އެވެ.

އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް އެޅުމަށް ހަމަޖެހިފައިވަނީވެސް ގިރާވަރު އުތުރު ފަޅު ނުވަތަ އުތުރު ތިލަފަޅުން އަލަށް ހިއްކާ ސަރަހައްދުގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ރޭގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން، ރައީސް ވަނީ މާލެ އަތޮޅު އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރާ ބެހޭ ގޮތުން އިދިކޮޅުން ދައްކާ ވާހަކަ ދޮގުކުރައްވާ، ގޯތިދޭނެ އެއް ތަނަކީ އެ ފަޅު ކަމަށެވެ.

"އެތަނުގައި ދިވެހިން ދިރިއުޅޭނީ، ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ދިވެހިންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭން ކުރާ މަސައްކަތުގެ ބައެެކެވެ. ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަަކަށް ލިބެން ޖެހޭ ފުރުސަތު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ފަށާފައިވާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ރޭ ވަނީ ގެޒެޓުކޮށްފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، އޮކްޓޫބަރު 24، 2023 ގެ 15:00 ގެ ނިޔަލަށް ހުށަހެޅުމަށެވެ.