Advertisement

މުއިއްޒުގެ އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރުމުގެ ވައުދަކީ މިހާރުވެސް ހިންގާ ޕުރޮގުރާމެއް: މަންސޫރު

24 ސެޕްޓެންބަރު 2023 - 15:09 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ މަގުމަތީގައި ކާރުތަކެއް -- ފޮޓޯ: އިޔާން/އަދަދު


މުއިއްޒުގެ އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރުމުގެ ވައުދަކީ މިހާރުވެސް ހިންގާ ޕުރޮގުރާމެއް: މަންސޫރު

24 ސެޕްޓެންބަރު 2023 - 15:09 0

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވެދޭނެ ކަމަށް ބުނެ، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދަކީ މިހާރު ވެސް ހިނގަމުން އަންނަ ޕްރޮގްރާމެއް ކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ވެވަޑައިގަތް މި ވައުދާއި ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ހަބަރަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި މަންސޫރު ވިދާޅުވީ، އިލެކްޓްރިކް ވެހިކަލަށް އިންވެސްޓް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރުވެސް ހިންގަމުންދާ ޕްރޮގުރާމެއް ކަމަށެވެ.

މަންސޫރު ވަނީ އެ ޓުވީޓާއެކު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕޮރޭޝަން (އެސްޑީއެފްސީ)އިން މިހާރު ވެސް ހިންގަމުންދާ "ޓެކްސީ ނަފާ" ލޯނު ޕުރޮގުރާމާ ގުޅޭ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ފުޅާކުރަން މި ސަރުކާރުން އުފައްދާފައިވާ އެސްޑީއެފްސީގެ "ޓެކްސީ ނަފާ" ލޯން ޕުރޮގުރާމު އިފުތިތާހު ކުރީ މިދިޔަ އޮގަސްޓް 31، ގައެވެ. އަދި އެ ޕުރޮގުރާމުގެ ދަށުން އެޕްލިކޭޝަންތައް ބަލައިގަތުމުގެ މަސައްކަތް މިމަހުގެ ތިން ވަނަ ދުވަހު ވަނީ ފަށާފަ އެވެ. މި ޕުރޮގުރާމުގެ ދަށުން މިހާރު ވެސް 44 އެޕްލިކޭޝަން ޕްރޮސެސް ކުރުމުގެ މަސައްކަތް އެސްޑީއެފްސީން ދަނީ ކުރަމުންނެވެ.

މި ލޯނުގެ ދަށުން ޓެކްސީ ގަންނަން ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ. އެގޮތުން މިހާރު ޓެކްސީ ދުއްވާ މީހުންނާއި އަލަށް ޓެކްސީ ކުރަން ނިކުންނަން ބޭނުންވާ މީހުންނަށް ވެސް މި ލޯނަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުނެފައި ވެ އެވެ.

ޓެކްސީ ނަފާ ލޯނު ދޫކުރަނީ:

  • ގިނަ ދުވަސްވެފައިވާ ކާރު ބަދަލުކުރަން
  • މިހާރު ވެސް ޓެކްސީ ކުރާ މީހުން ކާރު ގަންނަން
  • އަލަށް ޓެކްސީ ކުރަން ބޭނުންވާ މީހުން ކާރު ގަންނަން

އެސްޑީއެފްސީން ދޫކުރާ އެހެން ލޯނުތަކެކޭ އެއް ފަދައިން މި ލޯނުތައް ވެސް ދޫކުރަނީ ހަ ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުގެ އިންޓްރެސްޓް ރޭޓުގައި ގިނަ ވެގެން ފަސް އަަހަރުގެ ތެރޭގައި އަނބުރާ ދައްކާ ހަލާސްކުރާ ގޮތަށެވެ. ގްރޭސް މުއްދަތަކީ ހަ މަސް ދުވަހެވެ.