24 ސެޕްޓެންބަރު 2023 - 13:20 1
އާމިނަތު ނިއުޝާ
ސިފްކޯ ފުލެޓުތައް -- ފޮޓޯ: ޝާބިން/އަދަދު
24 ސެޕްޓެންބަރު 2023 - 13:20 1
ގުރުއަތުލުމުގެ ކުރިން ސިފައިންގެ އިސްވެރިން ބޭނުން ފްލެޓެއް އިހްތިޔާރުކުރުމުގެ ފުރުސަތު ދޭކަމަށް ފަތުރަމުންދާ ވާހަކަ ދޮގުކޮށްފި އެވެ.
އެމްއެންޑީއެފް އިން މިއަދު މީޑިއާ ގްރޫޕަށް ކުރި މެސެޖެއްގައި ބުނީ ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ލިބިލައްވާ ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށްޓަކައި ގުރުއަތުލުން ބާއްވައި އެލޮކޭޝަންގެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މެސެޖުގައި މި ފްލެޓުތަކާ ގުޅޭ މައުލޫމާތުތައް ހަގީގަތް އޮޅޭ ގޮތަށް ބައެއް މީހުން ފަތުރާތީ އެކަން ކުށްވެރިކޮށްފައިވެ އެވެ.
އޭގެ އިތުރުން، ފުރުސަތު ދެވުނީ އެލޮކޭޝަންގެ ކުރިން އެކަކު އަނެކަކަށް ލިބޭ އެޕާޓްމެންޓު ބަދަލުކުރުމަށް ކަމަށާއި، އެކަންކަން ހަމަޖެހުމުން މިހާރު އެގްރީމެންޓުކޮށް ތަންތަން ހަވާލުކުރަން ފަށާފައިވާ ކަމަށް އެ މެސެޖުގައި ބުނެ އެވެ.
"މިގޮތުން މިހާތަނަށް 68 ފަރާތަކާއި އެގްރިމެންޓްކުރެވި، 10ފަރާތަކަށްތަޅުދަނޑި ހަވާލުކުރެވިފައިވާއިރު، އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ހަވާލުކުރެވިގެންދާނެ،" އެމްއެންޑީއެފް އިން ބުނެ އެވެ.
ސިފްކޯ ހިޔާގެ ފްލެޓްތައް ލިބޭ މީހުންނަށް ތަން ހަވާލުކުރުމަށްޓަކައި މިވަގުތު ހިދުމަތުގައި ތިބި ސިފައިންނާއެކު އެގްރިމެންޓްކޮށް ނިމުމާއެކު ހިދުމަތުން ވަކިވެފައިވާ މީހުންނަށް އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފަށާނެ ކަމަށް ވެސް ބުނެ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްނުދާ ކަމަށް ނިންމައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 27، 2016 ގައި ވަނީ ނޫމަޑިއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި އެވެ.
އޭގެ ފަހުން އެ މަސައްކަތް ނިންމަން ދެ ވަނަ ފަހަރަށް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކާ އެކު އައިލެންޑް އެކްސްޕާޓް ކުންފުނި ބަނގުރޫޓްވެ 2020 ވަނަ އަހަރު އެ ކުންފުނިން ވަނީ މަޝްރޫއު ދޫކޮށްލާފަ އެވެ.
އެ މަސައްކަތް އެންމެފަހުން ހަވާލުކުރީ ޓްވެންޓީ ތާޑް މެޓަލާޖިކަލް ގްރޫޕް އޮފް ޗައިނާއާ އެވެ.
Comment