23 ސެޕްޓެންބަރު 2023 - 15:31 0
ނަޖާހު މަސްއޫދު
ވިލިމާލެ: ވިލިމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި ބަންދު ކުރި މީހަކު ފިލި މައްސަލައިގައި އޭނާ ތިން މަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި-- ފޮޓޯ:އަދަދު
23 ސެޕްޓެންބަރު 2023 - 15:31 0
ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ފުލުހުން ބަންދުކޮށްފައި ހުރި މީހަކު ބޭރަށް ނެރުމުން ފިލި މައްސަލައިގައި އެ މީހާ ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ މީހާ ފިލާފައި ވަނީ ޑިސެމްބަރު 15، 2022 ގައި އޭނާއަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައެއްގައި ވިލިމާލޭ ޕޮލިސް ސްޓޭޝަނުގެ ކަސްޓޯޑިއަލްގައި ބަހައްޓާފައި ހުއްޓަ އެވެ.
އޭގެ ޖެހިގެން އައި ދުވަހުގެ ހެނދުނު 10:25 ހާއިރު އޭނާ އެ ޕޮލިސް ސްޓޭޝަނުން ފިލީ ނޭވާ ހާސްވާތީ ގޮޅިން ބޭރަށް ނެރެ، ބަންދުގައި ތިބޭ މީހުން ހިނގައި ކަސްރަތު ކުރުމަށް ހާއްސަކޮށްފައިވާ ތަނުގައި ގޮނޑިއެއްގައި ބައިންދާފައި އިންދާ އެވެ.
އެ މައްސަލައިގައި އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ވަނީ ކްރިިމިނަލް ކޯޓުގައި އިއުތިރާފުވެފަ އެވެ.
ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށަށަށް ވާތީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާއަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް، އޭނާ ދައުވާއަށް އިއުތިރާފުވުމުގެ އަދަބުގެ ދަރަޖަ އެއް ދަރަޖައަށް ކުޑަވި އެވެ.
ކުށަށް އިއުތިރާފުވުމުން ލިބުނު ލުޔާއެކު ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރީ އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ.
Comment