Advertisement

ފެންނަ ނުފެންނަ ވޯޓުގައި އަހަންވީ ސުވާލަކީ ކޮބައިކަން މަޖިލީހުގެ ގަރާރުން ސާފެއް ނުވޭ: އީސީ

23 ސެޕްޓެންބަރު 2023 - 13:03 0

އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފެރެންސްއެއްގެ ތެރެއިން: ނިޒާމީ ވޯޓުގައި އޮންނަންވީ ސުވާލު ސާފުނުވާ ކަމަށް ބުނެފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފެންނަ ނުފެންނަ ވޯޓުގައި އަހަންވީ ސުވާލަކީ ކޮބައިކަން މަޖިލީހުގެ ގަރާރުން ސާފެއް ނުވޭ: އީސީ

23 ސެޕްޓެންބަރު 2023 - 13:03 0

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު ހިއްސާކޮށްފައިވީ ނަމަވެސް އެ ވޯޓުގައި އޮންނަންވީ ސުވާލު ސާފުނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފެންނަ ނުފެންނަ އާންމު ވޯޓެއްގައި އަހަަންވީ ސުވާލު މުޅީން ސާފު ނުވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ދަންނަވާފައިވާނެ މަޖިލީހުގައި ރައްޔިތުންގެ ގާތު އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟ އެ ސުވާލު ކޮބައިތޯ؟ އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުއްވައި ދެއްވާށޭ،" ހަބީބް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އެ ސުވާލާއެކު ވެސް އިތުރު މައުލޫމާތު ބޭނުންވާނެ ކަމަށެވެ. އެ ސުވާލު ކުރުމުގެ ބޭނުމާއި އެއިން ނެރެން ބޭނުންވާ ނަތީޖާއަކީ ކޮބައިކަމަކީ ވެސް އެ ވޯޓުގެ ކުރިއަށް ރައްޔިތުންނަށް ސާފުކޮށްދީފައި އޮންނަން ޖެހޭނެ މައުލޫމާތު ކަމަށެވެ.

"އެ ސުވާލާ އެކު އެބަ ބޭނުންވޭ އެހެން މައުލޫމާތު، އެ ސުވާލާ ގުޅިގެން ހުރި ހުއްޖަތްތައް ހުރެދާނެ ވަކި ކޮޅެއްގައި، އޭގައި ހުރި ފައިދާތަކާއި ގެއްލުންތައް، ވޯޓުލާން ދާއިރު އެބަ އެނގެން ޖެހޭ ވޯޓުލާން މި ޖެހެނީ ކީއްވެކަން، އަޅުގަނޑުމެން އެބަ ޖެހޭ އެ މައުލޫމާތު އާންމުކުރަން،" އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ގަރާރު ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން މަޖިލީހަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މަޖިލީހުން ފާސްކުރި ގަރާރުގައި ނިޒާމީ ވޯޓު ނެގުމަށް އެދިފައިވަނީ އަންނަ މަހުގެ 30 ގެ ކުރިންނެވެ. ނަމަވެސް އީސީއިން ފޮނުވި ސިޓީގައި ވަކި ތާރީހެއް އަދި ކަނޑަނޭޅޭ ކަމަށް ބުނެފައިވެ އެވެ.

ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުވެ، ޕާޓީތަކުން ކޯލިޝަން ހަދަން ޖެހިފައި ވާއިރު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފަޔަކަށް ވުމެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.