Advertisement

ފިލާވަޅު އަލިފާނޯތް!

23 ސެޕްޓެންބަރު 2023 - 07:41 2

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ފިލާވަޅު އަލިފާނޯތް!

23 ސެޕްޓެންބަރު 2023 - 07:41 2

ގިނަ ބައެއްގެ ހަޔާތުގައި އައި އެންމެ މަޖާ އުފާވެރި ދުވަސްވަރަކީ ކޮބައިތޯ އަހައިފިނަމަ ދައްކާ ނުނިމޭ ވާހަކައަކަށް ވެފައި އޮންނަނީ އެމީހެއްގެ މަދަރުސީ ދައުރުގެ ހަނދާންތަކުގެ ވާހަކަތަކެވެ.  އެއްވެސް ހިޔާލެއް ފިކުރެއްނެތި، އެކުވެރިންނާއެކު ހޭދެވި އެ ދުވަސްތަކުގެ ހަނދާންތައް ކުލާހުގެ އެކުވެރިޔަކު ފެނުމުން އަލުން އާލާވެ ކުރިމަތީގައި ތަމްސީލު ވާންފަށަ އެވެ. އެހެން ކަމުން މަދަރުސީ ދައުރަކީ ހަނދާނުން ފޮހެލެވޭވަރަށް ވުރެ ބޮޑަށް ހަނދާނުގައި ހަރުލައި ހުންނަ ހަނދާންތަކެކެވެ.

އަޅުގަނޑު މިއަދު މި ހިއްސާ ކޮށްލަނީ އަޅުގަނޑު އަބަދުވެސް އެންމެ ލޯބިވާ މަދަރުސާ ށ. އަތޮޅު މަދަރުސާގައި އުޅުނު އިރުގެ ރަހުމަތްތެރިޔަކާއެކު ކޮފީއަކަށް އަރާލުމުން އާލާވި ހަނދާންތަކުން ހުޅުވިގެން ދިޔަ ސަފުހާއެކެވެ.

އަޅުގަނޑުމެން ‬ކިޔަވަން ‬ތިބީ، ‬އިސްޓޭޖު ‬ކުލާހުގަ އެވެ.‬ މުދައްރިސެއް ހުއްޓެއް ނެތެއް ހަނދާނެއް ނެތެވެ. ކުއްލިއަކަށް އަޑުއިވުނީ މާ ބިރުވެރި ރާގަކަށް, ބަޔަކު މީހުންގެ ލަވާ ހަޅޭއްކެއްގެ އަޑެވެ. ކަންފަތްދީ ކަނުލައި އަޑުއަހާލުމުން އެނގުނީ ގޮވަނީ "އަލިފާނޯތް" ކަމެވެ. އޭރު މަދަރުސާގެ ދެކުނުގައި އޮންނާނީ ވަލުޖަންގަލީ ގަސްތަކެވެ.  އޭގެ ކުޑަ ތަންކޮޅެއް ހުޅަނގުން އޮންނާނީ މިސްކިތު ވާގަނޑެވެ. ހިނދުކޮޅެއްގެ ތެރޭގައި އެދިމާއިން ކަޅުއޮލަދުން އަރާތަން ފެނުނެވެ. ވިސްނާ ފިކުރުކުރާކަށް ގިނަ ވަގުތެއް ނުނެގި އެވެ. އެކުއްޖަކު އިށީންދެ ތިބި ދިމާއެއްގައި ހުރި ކުޑަދޮރަކުން އެކުއްޖަކު ފުންމާލީވެސް އަލިފާން ރޯވެފައި އޮތް ބޯޓަކުން ސަލާމާތްވާން ފުންމާލޭނެހާ ހަލުވިކޮށްނެވެ. އެއަށްފަހު ސުކޫލުގެ މައި ދޮރޯއްޓާއި ދިމާއަށްދާން ލަސްވާތީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބެލުމެއް ނެތި ވަށާފާރުމަތިން ފުންމާލައިގެން އެދިޔަގޮތަށް ގޮސް ‬ކުޑަކޮށްވެސް ‬މަޑު ‬ޖެހިލީ ‬އަނދަމުންދާ އަލިފާންގަނޑުގެ ކައިރީގަ އެވެ. 

އޭރު ‬އަލިފާންގަނޑު ‬މައިތިރި ކުރެވޭތޯ ‬އުޅެއެވެ.‬ ‬އެއްބަޔަކު މަގޫ ‬ފަތްކޯޅިތަކުން ‬ތަޅާއިރު އަލިފާންގަނޑުގެ އުތުރުގައި އޮތް ގަބުރުސްތާނުގައި ހުރި ‬މިސްކިތު ‬ވަޅުން ‬ފެން ގެނެސްގެން ‬މައިތިރި ކުރެވޭތޯ ވެސް އަނެއްބަޔަކު މަސައްކަތް ކުރެ އެވެ. ‬އަޅުގަނޑުމެން ގޮސް އެތަނަށް ވަނުމުން މިސްކިތު ވަޅުން ފެން ގެންނަން ދާށޭ ބައެއް މީހުން ގޮވި އެވެ. އެއަޑު ކަންފަތަށް އިވޭ ކަމަކަށް ގައިމުވެސް އަޅުގަނޑެއް ނަހަދަމެވެ. ކޮންމެވެސް ވަރަކަށް އެއަޑު އެހި ކުދިން ވެސް އުޅުނުކަން ނޭނގެ އެވެ. އަލިފާން ނިއްވާ މަސައްކަތުގައި އުޅޭ މީހުންގެ ހަރަކާތްތަކަށް ބަލާލިއިރު އަހަރެން ބައިވެރިވާން ‬އެންމެ ‬ކަމުދާ ‬ދިމާއަކަށް ‬ވީ ފަތްކޯޅި‬ތަކުން ‬އަލިފާން ‬ނިއްވަން ‬މަސައްކަތް ‬ކުރާ ‬މީހުން ‬އުޅޭ ސަރަހައްދެވެ.

‬މި މަންޒަރު ފެނުމުން އަހަރެންނަށް ‬ސިފަކުރެވުނީ ފިލުމުތަކުގައި އެފެންނަ، ރަސްރަސްކަލުންގެ ޒަމާނުގައި ކޮށްއުޅޭ ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާ މަންޒަރެއްގެ ގޮތުގައެވެ. ހަނގުރާމަ ވެރިން އަސްމަތީގައްޔާއި ‬ފައިމަގުގައި ‬ދުނި ‬ދަނޑިއާއި ‬ކަނޑިއާއި ލޮންސި ‬އައްޑަނަ ހިފައިގެން އުޅޭ ގޮތެވެ. އެއްވެސްވަރަކަށް ހަށިގަނޑަކަށް ފުރާނައަކަށް ‬ބެލުމެއް ނެތި ‬ދުޝްމަނުންނާ ވަރުގަދައަށް‬ ‬ހަނގުރާމަ ‬ކުރަމުންދާ ‬މައިދާނެއްގެ ‬ގޮތުގައެވެ.‬ ‬

ބަލާކަށް ނުހުންނަމެވެ. އަތަށް ހެޔޮވަރު މަގޫ ދަނޑިއަކާއި ‬ހެޔޮވަރު ‬ފަތްކޯޅިއެއް ‬ބިންދާލުމަށްފަހު ‬އެމީހުން ‬ތެރެއަށް ‬ވަދެގެންފީމެވެ.‬ ‬އަދި ‬މަޑުމަޑުން ‬ކުރިއަށް ‬ޖެހުމުން ‬ގޮސް ‬ސަފުގެ ‬އެންމެ ‬ކުރިއަށް ‬އަރައިފީމެވެ. އެއްވެސް ޖެހިލިމުއްނެތި ‬ދުޝްމަނުންނާ ‬ހަމަލާ ‬ދޭން ފަށައިފީ މެވެ.  ‬ކަނާތް ފަރަތުގައި ހުރި މީހަކު ‬ސާބަހޭ ‬ބުނުމުން، އިހުނަށްވުރެ ‬ހިތްވަރު އާކޮށް އަތުންނާއި ‬ފައިން ‬ހަމާލާދީ ތަންކޮޅެއް ކަމީނާ ދިމާލަކުން ‬ދުޝްމަނުންގެ ސަފުތައް ފޫޅުވާލުމަށްފަހު އެތެރެއަށް ދެމިގެންފީމެވެ. ދެނަކާދެނެއް ނެތެވެ. ދުޝްމަނުންގެ ލަޝްކަރުން އަޅުގަނޑު ވަށާލީ ތިޔަހެންނަކުންނޫނެވެ. ކުރިމަތިންނާއި ފަސްފަހަތުންނާއި އަރިއަރިމަތިން ސާޅަނގަތަކުގައި އުކާ ހޫނު ހަމަލާތަކުން ރެކި ޖާނު ސަލާމަތް ކުރަމުން، ދުޝްމަނުންނަށް އިތުރު ހަމާލާއެއް ދެވެނީ ހަމަ ކިރިޔާއެވެ. މި ހާލުގައި ގިނައިރު ހުންނާކަށް ނުޖެހުނެވެ. އަޅުގަނޑުމެންގެ ޓީމުވެސް އައިސް މިތަނަށް ވަދެ, ލީ އާހިތްވަރާއެކު ދޭންފެށި ހަމަލާތަކުން ދުޝްމަނުން ހަނގުރާމައިގެ މައިދާނަށް ތިރިވަމުން ދާމަންޒަރު ފެންނަން ފެށިއެވެ.

އެހާ ހިސާބުން ކޮމާންޑަރުގެ އަޑުވެސް ސާފުކޮށް އިވެން ފެށި އެވެ. އަހަރުމެން ޖެހިލަންވީ ބައެއް ދިމަދިމާ ދައްކާ އެދިމަދިމާއަށް ބެހިލައި ކޮށްލިvހިތްވަރުން އިސާހިތަކު ދުޝްމަނުން ބަލިކޮށް, ނޭވާ ހުއްޓަސް ދެން ތެދުވެ ހަމަލާ ނުދެވޭ ވަރު ކޮށްފީމެވެ. އޭރު މާދުރަށް މައިދާން ހާމައަށް ފެންނަށް އޮތެވެ. މުޅި ހިސާބަށް ދެމި ފެތުރިފައި އޮތީ ދުޝްމަނުންގެ އަޅިއާއި ދުމެވެ. 

މިފަދަ ބޮޑު ‬ހަނގުރާމައެއް ނިމިގެންދިޔައިރު  ‬އަހަރުމެންގެ ‬ތެރެއިން ބަޔަކު ޝަހީދު ނުވިއެއްކަމަކު, ‬ބައެއް ‬ކުދިން ކުދިންނަށް ‬ކޮންމެވެސް ‬ވަރަކަށް އެކިވަރުގެ ‬ޒަހަމްތައް ލިބިފައި ހުއްޓެވެ. ޒަހަމް ނުވާ ކުދިން ކުދިންވެސް ‬މިހަނގުރާމާގައި ނުރައްކާތެރިކަން ދެއްކުމަށްޓަކައި، މައިދާނަށް ވެއްޓި ފުރުޅިލައި ‬ކަޅު އަޅިދެލި އުނގުޅޭތޯ ބެލިއެވެ.  

ހަނގުރާމަ ނިމުމުން ހަނގުރާމައިގެ އިސް ކޮމާންޑަރުން ހަނގުރާމަ ހިނގަން މެދުވެރިވި ގޮތާބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. އެދުވަހު އެމީހުންގެ ކިބައިން ދަސްވި އާ ބަސްތައް މިހާރުވެސް ހަނދާން އެބަހުއްޓެވެ. މި ގޮތުން ފާހަގަ ކޮށްލެވުނު އެއްބަހަކީ  "އައްތަވާ" މި ބަހަވެ. މި މޫސުމުގައި  އިރުދަށުން ވައި ޖެހޭއިރު މިހާ ހަނިކޮށް އައްތަވާ ހެދީމާ ހުޅު އެއްލާނެ ކަމެއް ކަލޭމެންނަކަށް ނޭނގޭހޭ، ރުޅިއައިސްފައި ހުރި ދުވަސްވީ މީހަކު ކަރުން ނާރުނަގައިފައި ބުނެލިއެވެ. 

"އައްތަވާ" މި ބަސް އަޅުގަނޑަށް ވަރަށް ހިތްގައިމު ރީތި ބަހަކަށްވިއެވެ. މި ބަސް އަޑުއިވޭ ނުވަތަ ފެންނަ ކޮންމެ ފަހަރަކު މިދުވަހުގެ މަތިން މިހާރު ވެސް ހަނދާންވެ އެވެ. މީގެ އިތުރުން ބައެއް ދިރޭ ތަކެއްޗާއި އެތަކެއްޗަށް ކިޔާނަންވެސް ދަސްވިއެވެ. ވާގަނޑު އަދަމުން ދިޔައިރު ގަދަ ހޫނުން ފުރާނަ ސަލާމަތް ވުމަށްޓަކައި ރަށްވެހިމަގު ހުރަސްކޮށް އިރުމަތީ ފަރާތަށް ދެވޭތޯ މަސައްކަތްކުރި ދިރޭތަކެތީގެ ނަންތަކެވެ. މިގޮތުން އެކި ސައިޒުގެ މަސްކާށި ‬ދޫންޏާއި ކުލަކުލާއިގެ ‬ގޮއްފުޅަނގިތަކާއި ފައިދުގެ ‬މަކުނުގެ ވައްތަރުތަކާއި ‬ބިޗުލާއި ހުމޭބަޅާއި ‬ކަނޑާއާއި ހިންފައާއި ‬ހީނީގެ ‬ބާވަތްތަކެވެ.‬ މިރިހި ދޫންޏާއި އެކި ކުލަކުލައިގެ ކޮކާތައް ފާހަގަ ކުރެވެއެވެ. ‬ރޭގަނޑުގެ ހަމަހިމޭންކަމުގެ ‬މިއުޒިކީ ‬މެހުމާނާ ‬"ރަފީގު" ‬ގެ ‬ވައްތަރުތަކާއި މަޔަށް ފެންނުދޭގޮލަޔާއި ‬ނަންނުގެއްޗާއި ‬ޒާތްޒާތުގެ ‬ފަނިފަކުސާތައް ފެނެއެވެ.

މި ހުރިހާ އެއްޗަކަށްވުރެ ބޮޑަށް އަހަރެން އަޅައިގަތް އެއްޗަކީ މާ ދިހުންގަދަ އޮފުގަދަ ހަލުވިކޮށް އުޅުނު އެއްޗެކެވެ. އެއީ ހޯނެއްގެ ވައްތަރުވެސްޖަހާ ނަންނު ގައްޗެއްގެ ވައްތަރުވެސް ޖަހާ ޒާތެއްގެ އެއްޗެވެ. އެކަމަކު ހޯނަކަށްވުރެ ހިމައެވެ. ހަތަރު ފައި ހުންނާތީ ނަންނުގެއްޗެއް ނޫންކަންވެސް އެނގެ އެވެ.  އެސޮރުގެ ހަށިގަނޑުގެ ދެފަރާތުގައި އެއްކޮޅުން އަނެއްކޮޅަށް އޮރެންޖު ޒާތުގެ ފަށެއް ދަމާލާފައި ވެއެވެ. އުޅޭލެއް ހަލުވިކަމުން އަތުލައި ނުގަނެވިގެން އުޅެނިކޮށް އެނގުނީ މިއެއްޗަކީ ލޫޅު ނުވަތަ ގަރަހިތަ ކަމެވެ. އެދުވަހަށް ފަހު މި ލޫޅު އަހަރެންނަށް ވަރަށް ހާއްސަ އެއްޗަކަށްވި އެވެ. ވަލުތެރެއިން ނުވަތަ ވިނަގަނޑުތެރެއިން ހިފަން އުނދަގޫ މިލޫޅު ބަލައިލުމަށްޓަކައި އަތުލައި ގަނެވުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ. 

މިލޫޅު ނުވަތަ ގަރަހިތަ އަކީ މާހަނދާން ބަލި އެއްޗެއްކަމަށް ކިޔައެވެ. އެހެންކަމުން  މާ އަވަހަށް ކަންތައްތައް ހަނދާން ނައްތާލާ މީހުނަށް ދިމާއަށް "ކަލެއެކޭ ގަރަހިތައެކޭ" އެއްގޮތޭ ބުނެއުޅެ އެވެ. ކޮންމެއަކަސް ވީއުފަލުން ސްކޫލަށް ވެސް ނުވަދެ ފޮނިކަނޑަމުން ސަޅިކަނޑަމުން ގޭމަގުން ގެއަށްދާ ދެތިން ކުދިންނާއެކު ހިނގަމުން ގޮސް ގެއާ އަރާހަމަވިއިރު، ދޮރުމަތީގައި މަންމަ ހުއްޓެވެ. މަންމަ ގާތު އެއްޗެކޭ ބުނަން އުޅުމުގެ ކުރިން ނުރުހުމުގެ ލޮލުން ކަޅިއަޅާލުމަށް ފަހު މަންމަ ބުންޏެވެ. "ކަލޯ ހަސަނާވޭ، ތިޔަ އައިތާކަށް ގޮސް ތިޔަ ޔުނީފޯމު ބާއްވާފައި އަންނަން ދާށޭ"