23 ސެޕްޓެންބަރު 2023 - 16:00 0
23 ސެޕްޓެންބަރު 2023 - 16:00 0
ލަންޑަން (ސެޕްޓެމްބަރު 23) - މާދަމާރޭ ކުޅޭ ފޯރިގަދަ ލަންޑަން ޑާބީގައި އާސެނަލްގެ ހުރިހާ ކުޅުންތެރިން ބިރުގަންނަވަރުގެ ކުޅުމެއް ދައްކާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ޓީމުތަކުގެ ތެރޭގައި ހިމެނޭ އާސެނަލާއި ޓޮޓެންހަމްގެ "ނޯތު ލަންޑަން ޑާބީ" އަކީ ޒަމާނުއްސުރެ ލީގުގެ ފޯރިގަދަ މެޗެކެވެ. މި ސީޒަންގެ ފުރަތަމަ ޑާބީ މާދަމާރޭ ކުޅޭއިރު، ދެ ޓީމު ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ.
ޕްރިމިއާ ލީގުގެ ދެ ވަނައިގައި ޓޮޓެންހަމް އޮތީ 13 ޕޮއިންޓާ އެކުގަ އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި، ހަތަރުވަނައިގައި އޮތް އާސެނަލަށް ވެސް 13 ޕޮއިންޓް ލިބިފަިއިވާއިރު، ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން ބަލިނުވާ ހަތަރު ޓީމަކީ ގަދަ ހަތަރެއްގައި އޮތް މެންޗެސްޓާ ސިޓީ، ޓޮޓެންހަމް، ލިވަޕޫލް އަދި އާސެނަލް އެވެ.
ފޯރިގަދަ މެޗާ ގުޅޭގޮތުން ޕޮސްޓެކޮގްލޫ ބުނީ ދެ ޓީމްގެ ވާދަވެރިކަމާއި، މި މެޗުގެ މުހިންމުކަން އޭނާ އަށް އެނގޭކަމަށާއި، ޑާބީ މެޗުތަކަކީ އަބަދުވެސް އާދަޔާ ހިލާފަށް ފޯރިގަދަ މެޗުތަކެއް ކަމަށެވެ.
އޭނާ ބުނީ ދެ ޓީމް ވެސް މިވަގުތު ރަނގަޅު ފޯމެއްގައި އޮތުމަކީ މި މެޗަށް ނުކުންނައިރު މެޗުގެ ވާދަވެރިކަން އިތުރުވާނެ އެއް ސަބަބު ކަމަށާއި، މި މެޗަށް އެޓީމުގެ ކުޅުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.
ޓޮޓެންހަމުން މި މެޗަށް ނުކުންނަނީ އާސެނަލް ބިރުގަންނަ ވަރުގެ ކުޅުމެއް ދެއްކުމުގެ އަޒުމުގައި ކަމަށް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.
"މި މެޗުގެ ފޯރިއާ މުހިންމުކަން އަހަންނަށް އިނގޭ، ސަޕޯޓަރުންނަށް މި މެޗު މުހިންމުވާނެ މިންވަރުވެސް އަހަންނަށް އިނގޭ، އަހަރުމެންގެ ގޭމް ޕްލޭން ބަދަލެއް ނުކުރާނަން. މި ޓީމް ނުކުންނާނީ އާސެނަލް ބިރުގަންނަވަރުގެ ކުޅުމެއް ދައްކަން" އޮސްޓްރޭލިއާ އަށް އުފަން ޕޮސްޓެކޮގްލޫ ބުންޏެވެ.
މި ސީޒަންގައި ޓޮޓެންހަމާ ހަވާލުވި ޕޮސްޓެކޮގްލޫ އަކީ ސީޒަންގެ ފުރަތަމަ މަހުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗެވެ. މިދިޔަ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ ޓޮޓެންހަމްގެ ޖޭމްސް މެޑިސަން އަށެވެ.
މިދިޔަ އަހަރުތަކުގައި ޓޮޓެންހަމްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ފެނުނު ކެޕްޓަން ހެރީ ކޭން އެކުލަބު ދޫކޮށް ޖަރުމަންގެ ބަޔާން މިޔުނިކަށް ބަދަލުވި ނަމަވެސް ޓޮޓެންހަމް ފެންނަނީ ރަނގަޅު ފޯމެއްގަ އެވެ.
Comment