Advertisement

ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ އަތުވެއްޖެ

22 ސެޕްޓެންބަރު 2023 - 22:27 0


ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ އަތުވެއްޖެ

22 ސެޕްޓެންބަރު 2023 - 22:27 0

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ އަތުވެއްޖެ އެވެ.

އަދީބުގެ ޕާޓީ އެމްޓީޑީން ބުނެފައިވާ ގޮތުގައި އޭނާގެ ބޭސްފަރުވާގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު ދެވަނަ މަރުހަލާ ކުރިއަށްގެންދަން ޑޮކްޓަރުން ލަފާދީފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި, އެކަމަށް ސަރުކާރުން މިހާރު ހުއްދަ ދީފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރަން ކަރެކްޝަންސްއިން ހުއްދަ ދިނުމުން އޭނާ ފުރީ ޖުލައި 12، ވަނަ ދުވަހު އެވެ. އޭރު ދިން 10 ދުވަހުގެ މުއްދަތު އިތުރުކުރަން އަދީބު އެދުމުން އޮގަސްޓް މަހުގެ ނިޔަލަށް މީގެ ކުރިން މުއްދަތު އިތުރުކޮށްދީފައިވެ އެވެ.

އަދި އެ މުއްދަތު ހަމަވުމުން އޭނާގެ އެދުމުގެ މަތިން ސެޕްޓެމްބަރު 15، އާ ހަމައަށް މުއްދަތު އިތުރުކޮށްދިނެވެ. އެއަށް ފަހު އެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ވެސް އޮތީ އިތުރުކޮށްފަ އެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވީ އަނބުރާ ގެނެވޭނެކަން ކަށަވަރުވާ ގޮތަކަށް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އެގޮތުން، އެނާ ފޮނުވީ ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުން ކަމަށާއި އޭނާއާއެކު ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް މީގެކުރިން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

ޖަލު ހުކުމެއް އޮތަސް އަދީބު ޖަލުން ގެއަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލު ހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.