Advertisement

ޔާމީނަށް ފިޔަވަޅު ނޭޅޭ މައްސަލަ އެންއައިސީން ބަލަނީ

14 އޭޕްރީލް 2024 - 16:10 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން، ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފަހު އެ ސަރަހައްދުގައި - ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ޔާމީނަށް ފިޔަވަޅު ނޭޅޭ މައްސަލަ އެންއައިސީން ބަލަނީ

14 އޭޕްރީލް 2024 - 16:10 0

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ބަންދަށް ލުއި ދިނުމަށް ކަރެކްޝަންސް އާއެކު އެކުލަވާލި އިގުރާރާ ތަކުރާރުކޮށް ހިލާފުވެވަޑައިގެން ނަމަވެސް ފިޔަވަޅު ނޭޅޭ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން، ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ ބަންދަށް ލުޔެއް ދިނީ ރިޔާސީ އިންތިހާބަށް ފަހު އޭރުގެ ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކީގަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ގެއަށް ބަދަލުކުރި ފަހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރިހަމަ ލުއި މިހާތަނަށް ޔާމީނަށް ދީފައި ނުވެ އެވެ. އެކަމަކު ތަކުރާރުކޮށް ސިޔާސީ މަސައްކަތް އެމަނިކުފާނު ކުރައްވާއިރު އިންޒާރު ދިނުން ފިޔަވައި އެއްވެސް ފިޔަވަޅެއް ކަރެކްޝަންސް އިން އަޅާފައެއް ނުވެ އެވެ.

އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުއްކަރީމްއާ ސުވާލު ކުރުމުން އޭނާ "އަދަދު" ނޫހަށް ފޮނުއްވި މެސެޖެއްގައި އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަން ކަށަވަރުކޮށްދެއްވި އެވެ.

"އަޅުގަނޑުމެން މި ދަނީ އެ ކަމާ ގުޅިގެން ކަރެކްޝަންސް ސާވިސަސް އިން އޭގެ މައުލޫމާތުތައް ހޯދައި އެއްކުރަމުން، އެ ޕްރޮސެސް ކުރިއަށް އެބަ ދޭ،" ގާސިމް ފޮނުވި މެސެޖުގައިވެ އެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކަރެކްޝަންސްގެ ހުއްދައާ އެކު ބައެއް ތަންތަނަށް ދެވޭ ގޮތަށް ރަށު ބަންދަށް ޔާމީން ބަދަލު ކުރި ފަހުން އެމަނިކުފާނު އޭރު ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ޖަލްސާތަކެއްގައި ވެސް ބައިވެރިވެވަޑައިގަތެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލު ތަފާތުވެގެން ޕީޕީއެމް ދޫކުރައްވައި ޕީއެންއެފް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވި އެވެ. އެ ޕާޓީގެ ނަމުގައި ބާއްވާ ޖަލްސާތަކުގައި އާންމު މީހެއްގެ ހައިސިއްޔަތުން ޕޯޑިއަމްގައި ހުންނަ އިސް މީހަކާ ސުވާލު ކުރުމުގެ ނަމުގައި ބައިވެރިވެވަޑައިގެން ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައިވެ އެވެ.

ޕީއެންއެފްގެ ތާއީދު ލިބިގެން މަޖިލިސް އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިން އިވެންޓުތަކަށް ވެސް ވަޑައިގަންނަވަ އެވެ. ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގައި ރަސްމީކޮށް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ޖަލްސާ ނިންމާލި ފަހުން އެ ސަރަހައްދަށް ވަޑައިގެން، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު ހަރަކާތްތެރިންނާ ބައްދަލުކުރައްވާފައިވެ އެވެ.