Advertisement

ޕީއެންއެފް އުފައްދާ ޖަލްސާއަށް ޔާމީނު ވަޑައިގަންނަވަނީ ކަރެކްޝަންސްގެ ހުއްދަ ނެތި

7 އޭޕްރީލް 2024 - 16:20 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް ޔާމީން ޕީއެންއެފްއަށް ސޮއިކުރައްވަނީ : ޕީއެންއެފް އުފައްދާ ޖަލްސާއަށް ޔާމީނު ވަޑައިގަންނަވަނީ ވަޑައިގަންނަވަނީ ކަރެކްޝަންސްގެ ހުއްދަ ނެތި - ފޮޓޯ: އަދަދު


ޕީއެންއެފް އުފައްދާ ޖަލްސާއަށް ޔާމީނު ވަޑައިގަންނަވަނީ ކަރެކްޝަންސްގެ ހުއްދަ ނެތި

7 އޭޕްރީލް 2024 - 16:20 1

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް މާދަމާ ރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ ކަރެކްޝަންސް ސާވިސްގެ ހުއްދަ ނެތިކަން އެނގިއްޖެ އެވެ.

މާދަމާ ރޭ ގިޔާސުއްދީން ސްކޫލުގައި ބާއްވާ މި ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޖަލްސާގައި ބައިވެރިވުމަށް ޔާމީނު ވަނީ ކަރެކްޝަންސްގެ ހުއްދައަށް އިއްޔެ އެދިވަޑައިގަންނަވާފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އޮވެ އެވެ.

އެ ސިޓީއަށް ޖަވާބު ދީފައިވާނެ ކަމަށް ކަރެކްޝަންސްއިން ބުނީ މިއަދު އެވެ. އެ އިދާރާގެ އޮފިޝަލަކު "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދީފައެއް ނުވެ އެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ އެ އިދާރާގެ އުސޫލުތަކުން އެކަމަށް ޖާގަ ނުދިނުމެވެ.

މިކަމާ ގުޅިގެން ޕީއެންއެފްގެ މަލީހު ވިދާޅުވީ، ކަރެކްޝަނުން ޖަވާބެއް ދީފައިވީ ނަމަވެސް އެ ޖަވާބަށް އެބޭފުޅުން ނުބަލާނެ ކަމަށާއި ޕާޓީ އުފައްދާ ޖަލްސާގައި ޔާމީނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން އެމަނިކުފާނަށް އޮތީ ރަސްމީކޮށް މަނާކޮށްފަ އެވެ. އެހެންނަމަވެސް ޕީއެންއެފްގެ ޖަލްސާތަކުގައި ޔާމީން ގަވާއިދުން ބައިވެރިވަމުންދެ އެވެ. މިކަމާ ގުޅިގެން އެމަނިކުފާނަށް ދީފައިވާ ލުއިތައް މުރާޖައާ ކުރަމުންދާ ކަމަށް މީގެ ކުރިން ކަރެކްޝަނުން ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލުތަފާތުވެ، ވެރިކަން ހިންގާ ޕީޕީއެމްއިން ވަކިވެ، ޔާމީން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަން ފެއްޓެވީ ނޮވެމްބަރު، 2023، ގަ އެވެ. ޔާމީން ވިދާޅުވީ އެމަނިކުފާނު ޕީޕީއެމްއިން ބާކީކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް އައި ނަމަވެސް ސަރުކާރުން ފަހުން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމައެކަނި ވައުދުވެވަޑައިގަތީ ޝަރީއަތަށް ނުފޫޒު ނުފޯރުވުމަށް ކަމަށެވެ. އެހެންކަމުން ޔާމީން މިނިވަން ކުރުމުގެ ވައުދު ފުދިފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.